އިނިގިރޭސި ޕްރިމިއާ ލީގުގައި ބުދަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ޗެލްސީ ބަލިކޮށް ލީގުތާވަލްގެ ހަވަނައަށް މެންޗެސްޓަރ ޔުނައިޓެޑުން ޖެހިލައިފިއެވެ.
ޔުނައިޓެޓުން ޗެލްސީ ބަލިކުރީ 2-1 ގެ ނަތީޖާއިންނެވެ.
މުޅި މެޗުގައި ރަނގަޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފެއްދީވެސް ޔުނައިޓެޑުންނެވެ. އެގޮތުން ލަނޑު ޖަހަންވެސް ގިނަ ފުރުސަތުތަކެއް ޔުނައިޓެޑުން ތަނަވަސްކުރިއެވެ. މެޗު ފެށިގެން ނުވަނަ މިނެޓުގައި ލީޑު ނަގަން ޔުނައިޓެޑަށް ރަނުގެ ފުރުސަތެއް ލިބިގެންދިޔައެވެ. ޗެލްސީ ކުޅުންތެރިއަކު ކުރި ފައުލަކާއި ގުޅިގެން ޔުނައިޓެޑަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް ބްރޫނޯ ފެނާންޑޭސް ފޮނުވާލި ބޯޅަ ޗެލްސީގެ ގޯލް ކީޕަރު ރޮބަޓް ސަންޗޭޒް ވަނީ މަތަކޮށްފައެވެ. ސަންޗޭސް މަތަކުރި ބޯޅަ ރިބައުންސްވެގެން ބޭރަށް ނުކުތުމުން ޔުނައިޓެޑުގެ ކުޅުންތެރިން ދެވަނަ ފަހަރަށް ގޯލަށް ބޯޅަ ފޮނުވާލަން މަސައްކަތް ކުރިނަމަވެސް އެ ބޯޅަ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.
މި މެޗުގައި ޔުނައިޓެޑުން ލީޑު ނެގީ މެޗުގެ 19 ވަނަ މިނެޓުގައި މެކް ޓޮމިނޭ ޖަހައިދިން ލަނޑުންނެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން ޗެލްސީގެ ކޯލް ޕާމާ ވަނީ ލަނޑެއް ޖަހައި ޗެލްސީއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މި ލަނޑު ޖެހުމަށް އެހީތެރިވެދިނީ މިކައިލޯ މުޑްރީކްއެވެ. ޔުނައިޓެޑުން މޮޅުވި ލަނޑު ޖެހީ މެޗުގެ 69 ވަނަ މިނެޓުގައި ފުރަތަމަ ލަނޑުވެސް ޔުނައިޓެޑަށް ޖަހައިދިން މެކް ޓޮމިނޭއެވެ. އޭނާއަށް މި ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދިނީ ގަނާޗޯއެވެ.
މި މޮޅާއި އެކު ޔުނައިޓެޑަށް ހަވަނާގައި އޮތް އިރު، އެ ޓީމަށް ލިބިފައިވަނީ ކުޅުނު 15 މެޗުން 27 ޕޮއިންޓެވެ. ޗެލްސީއަށް 10 ވަނަ ލިބޭއިރު، އެޓީމަށް ލިބިފައިވަނީ 15 މެޗުން 19 ޕޮއިންޓެވެ. 15 މެޗުން 36 ޕޮއިންޓު ލިބިގެން އެއްވަނާގައި އޮތީ އާސެނަލްއެވެ. ދެވަނާގައި އޮތް ލިވަޕޫލަށް ލިބެނީ 15 މެޗުން 34 ޕޮއިންޓެވެ.













