”ބިލެއްފަހި ކައުންސިލްގެ ހޭންޑްބޯލް މުބާރާތް 2023“ ބިލެއްފަހި ހޭންޑްބޯލް މުބާރާތުގައި މިއަދު ހަވީރު އޮންނަ މެޗުގައި ބައްދަލްކުރާނީ ދަ ޗެލެންޖާސް އާއި އޯސަން ސްޕޯޓްސް ކުލަބް އެވެ.
ށ. ބިލެއްފަހި ކައުންސިލުން އިންތިޒާމް ކުރައްވައިގެން އެރަށުގައި ބާއްވާ ”ބިލެއްފަހި ކައުންސިލްގެހޭންޑްބޯލް މުބާރާތުގައި މިއަދު ބައްދަލްކުރާ ދެޓީމުގެ ތެރެއިން ދަ ޗެލެންޖާސް ވަނީ މުބާރާތުގެ ފުރަތަމަ މެޗުން މޮޅުވެ ހިންދަމާލާފަ އެވެ.
ބިލެއްފަހީ ރަސްމީ ހޭންޑްބޯލް ދަނޑުގައި އިއްޔެ ހަވީރު ފެއްޓި މި މުބާރާތުގެ ފުރަތަމަ މެޗުގައި ކުލަބް އެންސީ އާއި ބައްދަލްކޮށް ދަ ޗެލެންޖަސް ވަނީ ބޮޑު ތަފާތަކުން މޮޅުވެފަ އެވެ.
ޖުމްލަ 3 ބައިވެރިވެފައިވާ މި މުބާރާތުގައި 8-11 ން ނަތީޖާއަކުން ދަ ޗެލެންގާސް ވަނީ މުބާރާތުގެ ފުރަތަމަ މެޗު ކާމިޔާބު ކޮށްފަ އެވެ.
މުބާރާތުގެ ފުރަތަމަ މެޗު ކާމިޔާބުކުރި ޗެލެންޖަސްއަށް ގޯލްތައް ކާމިޔާބުކޮށްދިނީ އާމިނަތު ރިޝްތާ އާއި ޝީޒާ އިބްރާހީމްގެ އިތުރުން އައިމިނަތު މުޙައްމަދު އާއި ސަނާ ސަނީދު އެވެ.
ކްލަބު އެންސީއަށް ގޯލް ޖަހައިދިނީ ޝާއިނާއާއި ނީރާގެ އިތުރުން ހަނާއާއި މާޖިދާ އެވެ.
އިއްޔެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވިފައިވަނީ ޗެލެންޖާސްގެ ޖާޒީނަމްބަރ ހަތަރެއް އައިމިނަތު ރިޝްތާ އެވެ. ރިސްތާވަނީ އިއްޔެގެ މެޗުގައި އާދަޔާ ޚިލާފް މޮޅު ކުޅުމެއް ދައްކާފަ އެވެ.
މި މުބާރާތުގެ މެޗެއް މާދަމާވެސް އޮންނާނެއެވެ.
މާދަމާގެ މެޗު ފެށުމަށް ހަމަޖެހިފައިވަނީވެސް ހަވީރު 4:00 ގައެވެ.
މި މުބާރާތަކީ ބިލެއްފަހި ކައުންސިލުން އިންތިޒާމުކުރައްވައިގެން ކުލަބްތަކަށް ހުޅުވާލައިގެން އެރަށުގައި ބާއްވާ ފުރަތަމަ ހޭންޑްބޯލް މުބާރާތެވެ.
ޗެމްޕިއަންޓީމަށް ދިހަހާސް ރުފިޔާގެ ފައިސާ އިނާމް އަދި ރަނަރަޕް ޓީމަށް ފަސްހާސް ރުފިޔާގެ ފައިސާގެ އިނާމް ދިނުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ އޮފިޝަލް މީޑީއާ ޕާޓްނަރަކީ ”ފެންވަރު އޮންލައިން“ އެވެ.













