އެމެރިކާގެ އިންޑޯ ޕެސިފިކް ކޮމާންޑްގެ ފަރާތުން އެމްއެންޑީއެފަށް އިކުއިޕްމަންޓް ހަދިޔާކުރައްވައިފި އެވެ.
އެމްއެންޑީއެފުން ހާމަކުރެއްވި ގޮތުގައި މިކަމަށް ޓަކައި ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތުގައި، އެމެރިކާގެ އިންޑޯ ޕެސިފިކް ކޮމާންޑްގެ ފަރާތުން މި އިކުއިޕްމަންޓް އެމްއެންޑީއެފްއާ ހަވާލުކޮށްދެއްވީ ރާއްޖެ ވަޑައިގެންނެވި އެމެރިކާގެ އިންޑޯ ޕެސިފިކް ކޮމާންޑްގެ ކޮމާންޑަރ، އެޑްމިރަލް ޖޯން ސީ. އެކިއުލީނޯ އެވެ. އަދި އެމްއެންޑީއެފްގެ ފަރާތުން އިކުއިޕްމަންޓާ ހަވާލުވެލެއްވީ އެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފެވެ.
އެމެރިކާގެ އިންޑޯ ޕެސިފިކް ކޮމާންޑްގެ ފަރާތުން ހަދިޔާކޮށްދެއްވި އިކުއިޕްމަންޓަކީ އެމްއެންޑީއެފްގެ އޮޕަރޭޝަނަލް ގާބިލްކަން އިތުރުކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން ހަދިޔާކޮށްދެއްވި އިކުއިޕްމަންޓެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ޗީފް އޮފް ޑިފެންސް ފޯސް ވަނީ، ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރުމަށް ކުރައްވާ މަސައްކަތުގައި އިންޑޯ ޕެސިފިކް ކޮމާންޑުން ދެއްވި އެހީއަށް ޓަކައި ޝުކުރު އަދާކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި އެމެރިކާގެ އިންޑޯ ޕެސިފިކް ކޮމާންޑްގެ އިސް ވަފުދުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.









