ރައްޔިތުންގެ މަޖިލިސް އިންތިޚާބު ރޯދަމަހު ނުބޭއްވޭގޮތަށް އިންތިޚާބުތަކާ ބެހޭ އާންމު ޤާނޫނަށް އިޞްލާހެއް ހުށަހަޅަން، އިދިކޮޅު އެމްޑީޕީން ނިންމަވައިފި އެވެ.
މަޖިލިސް އިންތިޚާބު ރޯދަމަހު ނުބޭއްވޭގޮތަސް އެމްޑީޕީން މަޖިލީހަށް އިޞްލާހެއް ހުށަހަޅަން ނިންމާފައި މިވަނީ އިލެކްޝަންސް ކޮމިޝަނުން ކުރިޔަށް އޮތް ރޯދަމަހު މަޖިލިސް އިންތިހާބު ބޭއްވުމަށް ނިންމުމާ ގުޅިގެންނެވެ.
އިލެކްސަންސް ކޮމިޝަނުން ނިންމާފައިވަނީ އަންނަ މާރިޗުމަހުގެ 17 ވަނަ ދުވަހު ރައްޔިތުންގެ މަޖިލިަސް އިންތިޚާބު ބޭއްވުމަށެވެ.
ރައްޔިތުންގެ މަޖިލިހުގެ އިހަވަންދޫ ދާއިރާގެ މެމްބަރުވަނީ މުހައްމަދު ޝިފާޢު ހުށާހެޅޫއްވި މި އިސްލާޙްގައި ބުނެފައިވަނީ އަންނަ މާރިޗު މަހުގެ 17ގައި ބާއްވާ އިންތިޚާބު ރަމަޟާން މަހާ ދިމާވާތީ އާންމުންގެ ތެރޭގައި ކަންބޮޑުވުންތަށް ހުރި ކަމަށާއި، ވޯޓުލުމުގައި ބައިވެރި ނުވެވޭނެ ކަމަށް އާންމުންގެ ތެރެއިން ގިނަ ބަޔަކު ބުނަމުންދާ ކަމުގައެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުތަކާބެހޭ އާންމު ގާނޫނުގެ 43 ވަނަ މާއްދާ އިސްލާހުކުރަން ހުށަހަޅާފައިވާއިރު އެ މާއްދާގެ (ށ)ގައި ބުނެފައި ވަނީ، ރަމަޟާން މަހުގެ ދުވަހެއްގައި އިންތިޚާބެއް ބާއްވައިގެން ނުވާނެ ކަމުގައެވެ. އަދި އިންތިޚާބު ބާއްވަންޖެހޭ ތާރީޚު ރޯދަ މަހުގެ ދުވަހަކާ ދިމާވާނަމަ، އެ އިންތިޚާބެއް ބާއްވަން ވާނީ ރޯދަ މަސް ނިމުމުގެ 10 ދުވަސް ފަހުން ކަމަށްވެސް އެ އިޞްލާޙްގައި ބުނެފައިވެ އެވެ.
އަދި މި މާއްދާގެ (ނ) ގައި ބުނެފައިވަނީ މި ހާލަތުގައި، އެ އިންތިޚާބަކާގުޅޭ ޚާއްޞަ ޤާނޫނުގެ ދަށުން، ނުވަތަ މި ޤާނޫނުގެ ދަށުން އެކި ކަންކަމަށް ކަނޑައަޅާފައިވާ މުއްދަތުތަކަށް އަމަލުކުރެވެން ނެތް ޙާލަތެއް ކުރިމަތިވާނަމަ، މި މާއްދާގެ(ށ)ގައި ބުނެފައިވާގޮތަށް އިންތިޚާބު ބޭއްވުމަށްޓަކައި އެ މުއްދަތުތަކަށް ބަދަލުގެނެސް، އިލެކްޝަންސް ކޮމިޝަނުން އަލުން މުއްދަތުތައް ކަނޑައަޅަންވާނެ ކަމުގަ އެވެ.
ޖުމްލަ 93 މެމްބަރަކު އިންތިޚާބު ކުރާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރަން މި މަހުގެ 30 ގައި ހުޅުވައިލާނެ އެވެ. 20 ވަނަ ރައްޔިތުންގެ މަޖިލީހުުގައި ވޯޓްލުމުގެ ޙައްޤު 284،327 މީހަކަށް ލިބިގެން ވެއެވެ.








