Search Streamline Icon: https://streamlinehq.com

ފަހުގެ

އިންޑިއާ ސިފައިން ދިވެހި މަސްވެރިނަށް ހަތިޔާރުން ބިރުދައްކައި، ދޯންޏަށް އަރައި ސިއްރު ހޯދަން މަސައްކަތްކުރި މައްސަލަ ހަރުކަށި ޢިބާރާތުން ކުއްވެރިކުރަން: މާހޯރަ 3 ގެ ވެރިޔާ

Maahoara3 ihavandhoo

ބޮޑުކަންނެލީގެ މަސްވެރިކަމަށް ނިކުމެ އުޅުނު މާހޯރަ 3 ދޯނި ރާއްޖޭގެ އިޤްތިޞާދީ ސަރަހައްދުން ކަނޑުމަތިން ހުއްޓުވައި އެދޯންޏަށް އަރައި ބަޑިން ބިރުދައްކައިގެން ތަފާތު މައުލޫމާތު ހޯދި މައްސަލަ އެ ދޯނީގެ ވެރިފަރާތުން ހަރުކަށި ޢިބާރާތުން ކުއްވެރި ކުރައްވައިފިއެވެ.

”ފެންވަރު އޮންލައިން“ އަށް މަޢުލޫމާތު ދެއްވަމުން މާހޯރަ 3 ނަމްބަރު ދޯނީގެ ވެރިފަރާތް ކަމުގައިވާ ހއ. އިހަވަންދޫ ވައިލެތްވިލާ މުންޒިރު ޢަބޫބަކުރު ވިދާޅުވީ މިއީ އެއްގޮތަކަށްވެސް ވެގެންވާނެ ކަމެއް ނޫންކަމަށާއި، ދޯނީގެ ފަޅޫވެރިންނާއި ކެޔޮޅުން މިކަމުގެ ސަބަބުން ނަފްސާނީ ވެފައިވާ ކަމުގައެވެ.

މުންޒިރު ވިދާޅުވީ މާހޯރަ 3 ހއ މުޅަދޫ ކަނދުފައްޗާ 3 މޭލު ކައިރިން ދަތުރުކުރަމުންދަނިކޮށް ފަހައިގަނެ އިންޑިއާގެ ކޯސްޓްގާޑުން ހުއްޓުވައި އެދޯންޏަށް އަރައި މަސްވެރިންނަށް ބިރުދައްކައިގެން އެކި އެކި މައުލޫމާތު ހޯދާފައިވާ ކަމުގައެވެ.

”ކޮންމެޔަކަސް މިއީ ވަރަށް ދެރަ އަދި އެހައިމެ ނުރައްކާތެރިކަމެއް. ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދިވެހި މަސްވެރިން ތިއްބާ އިންޑިޔާ އެކަންޏެއްނޫން ބޭރުގެ އެއްވެސް ބަޔަކަށް މަސްވެރިން ހުއްޓުވައިގެން ދޯންޏަށް އަރައި ބަޑިން ބިރުދެއްކިގެން ނުވާނެ. މިއީ އެމީހުންނަށް ލިބިގެންވާ ޙައްޤެއްނޫން. މާހޯރަ ދޯނިވެސް މުޅަދޫ ބޮޔާ 3 ވަރަކަށް މޭލު ކައިރިން ރާއްޖޭގެ ފޯނު ރޭންޖުވެސް ލިބޭ ހިސާބުން ހުއްޓުވި. ހުއްޓުވާފަ ދޯންޏަަށް އަރައި ދޯނި އެންމެން ގެންދިޔައީ ދޯނީގެ ފަހަތަަށް. އެމީހުން ތިބީ ބަޑި ހިފައިގެން. ފަހަތަށް ގެންގޮސް ވަރަށް ގިނަ މައުލޫމާތު ހޯދި.  މާހޯރަ 3 ގެ މީޙުން އެހާ އަވަހަށް ދޫކޮށްލީވެސް އިންޑިއާ ސިފައިން ކުރި ހުރިހާ ސުވާލަކަށް އެމީހުން ޖަވާދިންލެއް އަވަސްވީމަ. އެހެން ނޫންނަމަ އަވަހަކަށް ދުލެއް ނުކުރާނެ. އިންޑިއާ ސިފައިން ހޯދި މައުލޫމާތުގެ ތެރޭގައި ދޯނީގެ ސެޓެލައިޓް ފޯނު ނަމްބަރު އަދި ދޯނި މީހުންގެ ނަމްބަރު  ވެސް ހިމެނޭ.“ މާހޯރަ 3 ނަމްބަރު ދޯނީގެ ވެރިފަރާތް ކަމުގައިވާ ހއ. އިހަވަންދޫ ވައިލެތްވިލާ މުންޒިރު ޢަބޫބަކުރު ވިދާޅުވިއެވެ.

މުންޒިރު ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އުޅެނީ އިންޑިއާ ސިފައިންގެ އެންމެ އުޅަނދެއް ކަމަށް ޤަބޫލު ނުކުރެވޭ ކަމުގައެވެ. ސަބަބެއް ކަމަށް މުންޒިރު ވިދާޅުވީ އެްނމެ އުޅަނދެއް އުޅޭނަމަ އެއް ދުވަހެއްގެ ދެ ގަޑިއެއްގަ އެއް ދޯންޏަަށް ދެފަހަރަށް އަރާނެ ކަމަށް ޤަބޫލު ނުކުރެވޭ ކަމަށާއި، އެއް ދުވަގެއްގެ ދެ އިރު އެއްދޯންޏަކަށް އެރުމުން އޭގެ މާނައަކީ އިންޑިއާ ސިފައިންގެ ދެ އުޅަނދެއް ރާއްޖޭގެ ކަނޑޫގެ ސަރަހައްދުގައި ހަރަކާތްތެރިވާކަމުގައި ޤަބޫލުކުރެވޭ ކަމުގައެވެ.

މުންޒިރު ވިދާޅުވީ މިހާދިސާ އާއި ގުޅިގެން ދިވެހި ސަރުކާރުން މަސައްތަކުރައްވަމުން ގެންދެވި ގޮތާއި، ލިބުނު އަވަސް ޚިދުމަތާއިމެދު ހިތްހަމަ ޖެހޭކަމުގައެވެ. އަދި މަސްވެރިންނާ ދޭތެރޭގައި ބަހައްޓަވާ ގާތްކަމާއި، ލިބޭ ޚިދުމަތްތަކަކީ ވަރަށް ބޮޑަަށް ހިތްހަމަޖެހޭ ކަންކަން ކަމުގައެވެ. އެހެންކަމުން މި ފުރުޞަތުގައި ޑރ. މުޙައްމަދު މުޢީއްޒުގެ ސަރުކާރަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވާ ކަމަށް ވެސް މާހޯރަ 3 ނަމްބަރު ދޯނީގެ ވެރިޔާ ހއ. އިހަވަންދޫ ވައިލެތްވިލާ މުންޒިރު ޢަބޫބަކުރު ވިދާޅުވިއެވެ.

ދިފާޢީ ވުޒާރާއިން ވިދާޅުވެފައިވަނީ ”އަސުރުމާ-3“ ދޯންޏަށް ބޭރުގެ އަސްކަރިއްޔާގެ ބަޔަކު އަރައިގެންއުޅޭކަމުގެ މަޢުލޫމާތު ދިފާޢީ ބާރަށް ލިބުމާއެކު، ރައީސުލްޖުމްހޫރިއްޔާގެ އަމުރުފުޅަށް އެމްއެންޑީއެފްގެ ކޯސްޓް ގަރޑް އުޅަނދު ”ޝަހީދު ޢަލީ“ އެ ސަރަޙައްދަށް ގޮސް، މަސްވެރިންނާއި މަސްދޯނީގެ ސަލަމަތާއި ރައްކާތެރިކަން ކަށަރުކޮށްފައިވާކަމުގައެވެ. އަދި އެ ސަރަޙައްދުގައި މަސްވެރިކަން ކުރަމުންދިޔަ އިތުރު 2 ދޯޏްނަކަށްވެސް އިންޑިއާ އަސްކަރިއްޔާއިން އެރިކަން އެނގިފައިވަނީ، ކޯސްގަރޑް އެ ސަރަޙައްދަށް ދިއުމުންކަމަށްވެސް ދިފާޢީ ވުޒާރާއިން ހާމަކުރައްވަ އެވެ.

ރާއްޖޭގެ މަސް ދޯނިތަކަށް އަރާފައިވަނީ އިންޑިއާ ކޯސްޓްގާޑު ޝިޕް 246 އަދި އިންޑިއާ ކޯސްޓްގާޑު ޝިޕް 253އަށް ނިސްބަތްވާ ބޯޑިންގ ޓީމުތަކުންކަމަށްވެސް މި ބަޔާނުގައިވެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދާއި ޚާއްސަ އިޤްތިޞާދީ ސަރަޙައްދު ޙިމާޔަތްކޮށް ރައްކާތެރިކުރުމުގައި، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން ކެނޑިނެޅި މަސައްކަތް ކުރަމުންދާނެކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވާކަމަށެވެ. އަދި ދިވެހިރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަޙައްދުން ނަފާ ހޯދުމުގައި ދިވެހި މަސްވެރިން ކުރަމުންދާ މަސައްކަތް ސާބިތުކު ކުރިއަށްގގެންދިއުމަށް ވަނީ އެދިފައެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި