ތިލަދުންމަތި ދެކުނުބުރި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު އޭޕްރަން ބޭނުންކުރަން ފަށައިފި އެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް އޮޕަރޭޓުކުރައްވަމުން ގެންދަވާ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރުއޭސީއެލް)އިން ހާމަކުރެއްވި ގޮތުގައި ހަނިމާދޫ އެއާޕޯޓުގެ ކުރީގެ އޭޕްރަން ބަންދުކޮށް އައު އޭޕްރަންގެ މަސައްކަތް ކުޅިން ނިންމައި އެ އޭޕްރަންގެ ބޭނުން ކުރަން މިޙާރުވަނީ ބޭނުންކުރަން ފަށްޓަވާފަ އެވެ.
ހަނިމާދޫ އެއާޕޯޓުގައި ޤާއިމްކުރި އައު އޭޕްރަން އަށް ފުރަތަމަ ޖައްސާފައި ވަނީ މޯލްޑިވިއަންގެ ފްލައިޓެ ކެވެ.
މިކަމާއި ގުޅޭގޮތުން އާރުއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މުބީން ވިދާޅުވެފައިވަނީ މި އޭޕްރަންއަކީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރާ މަޝްރޫއުގައި ނުހިމެނޭ ބައެއް ކަމަށާ އެއީ ރައީސް މުހައްމަދު މުއިއްޒުގެ އިރުޝާދުފުޅުގެ ދަށުން މިހާރުން މިހާރަށް އެ ކުންފުނީގެ އާމްދަނީ އިތުރުކުރެވޭނެ މަގުފަހި ކުރުމަށް ކުރި މަސައްކަތެއް ކަމުގަ އެވެ.
ހަނިމާދޫ އެއާޕޯޓުގައި އަލަން ބޭނުން ކުރަން ފެށި އައު އޭޕްރަންގެ ބޮޑުމިނުގައި 42،000 އަކަފޫޓު ހުންނައިރު މިދެންނެވި އޭޕްރަން މާކެޓު ކުރާނީ ޖެޓް ޕާކިން ފެސިލިޓީއެއްގެ ގޮތުގައި ކަމަށްވެސް އާރްއޭސީއެލް އިން ހާމަކުރައްވަ އެވެ.
އާރްއޭސީއެލް އިން ހާމަކުރެއްވި ގޮތުގައި އައު އޭޕްރަންގައި އެއްފަހަރާ ހަ ޖެޓު ޕާކު ކުރެވޭނެއެވެ. އަދި އެއާޕޯޓް ތަރައްގީކުރާ މަޝްރޫއު ނިމޭއިރު އެ ސަރަހައްދު ބޭނުންކުރާނީ އައިސޮލޭޝަން ބޭއެއްގެ ގޮތުގައި ކަމަށްވެސް އާރްއޭސީއެލް އިން ހާމަކުރައްވަ އެވެ.
ހަނިމާދޫ އެއާޕޯޓް ގެ މުޅި މަޝްރޫޢު ނިމޭއިރު އޭ320 އާއި ބޮއިންގް 737 ބޯޓު ޖެއްސޭ ފެންވަރަށް ހަނިމާދޫ ރަންވޭ ތަރައްގީ ކުރެވޭނެ އެވެ. އަދި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ ކަމަށްވެސް އާރްއޭސީއެލް އިން މީގެ ކުރިންވަނީ ބުނެފަ އެވެ. އަދި ތެޔޮ ރައްކާ ކުރެވޭ އިންތިޒާމު ހަމަޖެހޭނެ ކަމަށްވެސް އާރްއޭސީއެލް އިން ބުނެފައިވެއެވެ.









