މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ރައީސްކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއަށް ލިބިވަޑައިގެންފި އެވެ.
އެމްޑީޕީން މިއަދު ހާމަކުރެއްވިގޮތުގައި އެޕާޓީގެ ރައީސްކަމަށް ކުރިމަތިލުމަށް ހުޅުވާލި އިއުލާންގެ މުއްދަތުހަމަވިއިރު، ޕާޓީގެ ރައީސްކަމުގެ މަޤާމަށް ކުރިމަތިލާފައިވަނީ އެންމެ މެންބަރެކެވެ. އެއީ ހެންވޭރު ރަބީޢީމަންޒިލް / މާލެ، ޢަބްދުﷲ ޝާހިދު އެވެ. ޝާހިދު ފިޔަވައި އިތުރު ފަރާތަކުން މިމަޤާމަށް ކުރިލައްވާފައި ނުވާތީ އިންތިޚާބަކާއިނުލާ މިމަޤާމަށް ޝާހިދު ހޮވިފައިވާކަން އެމްޑީޕީން ވަނީ އިޢުލާން ކުރައްވާފަ އެވެ.
އެމްޑީޕީން އެޕާޓީގެ ރައީސްގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ 13 ފެބްރުއަރީ ވަނަ ދުވަހުއެވެ. އެ މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިއަދު މެންދުރު 14:00 އާއި ހަމައަށެވެ.
އެމްޑީޕީގެ ރައީސްގެ މަޤާމު ހުސްވެފައިވަނީ އެ މަޤާމުގައި ހުންނެވި ކުރީގެ ރައީސް މުޙައްމަދު ނަޝީދު މަޤާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.
ރައީސް ނަޝީދު އެމްޑީޕީގެ ރައީސްކަމުގެ މަޤާމުން އިސްތިއުފާ ދެއްވުމަށްފަހު މިއަދާއި ހަމައަށް އެމްޑީޕީގެ ރައީސްގެ މަގާމުގައި ވަގުތީ ގޮތުން ޙަވާލުވެވަޑާއިގެން ހުންނެވީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެވެ.








