Search Streamline Icon: https://streamlinehq.com

ތިމަރަފުށި ބަލިކޮށް ޒޯން 6އެއްގެ ޗެމްޕިއަންކަން ލާމު ގަމަަށް

Laamu gan

ދިވެހިރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ”ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2024″ގެ ޒޯން 6 ގެ ޗެންޕިއަންކަން ލ.ގަން ފުޓްސަލް ޓީމުން ދިފާއުކޮށްފި އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖު 2024“ ޒޯން 6 ގެ ފައިނަލުގައި ލ.ގަމާއި ތ.ތިމަރަފުށި ވާދަކުރި މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޒޯން6 އެއްގެ ޗެމްޕިއަންކަން ހޯދާފައިވާ ލ.ގަން ވަނީ އެންމެ ފަހުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަންކަންވެސް ހޯދާފަ އެވެ.

ތިމަރަފުށި މުބާރާތްގެ ފައިނަލުން ޖާގަ ހޯދާފައިިވަނީ ކުޅުނު ތިން މެޗުން ވެސް މޮޅުވެ 9 ޕޮއިންޓާއެކު ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި ގަން ފައިނަލުގެ ޖާގައެއް ހޯދީ ކުޅުނު ތިން މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އަދި މިދެޓީމު ގުރޫޕް ސްޓޭޖުގައި ވާދަކުރި މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވަނީ ތިމަރަފުށިން ނެވެ.

ހުޅުމާލޭ ރެހެންދި ދެ ނަންބަރު ފުޓްސަލް ދަނޑުގައި ކުޅެވުނު މި މެޗުގެ ފުރަތަމަ ހާފުގައިި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ނަމަވެސް މި މެޗުގެ ފުރަތަަމަ ލަނޑުޖަހައި ކުރިހޯދާފައިވަނީ ގަމުން ނެވެ. މިލަނޑު ގަމު ޓީމަށް ކާމިޔާބުކޮށްދިނީ އަބްދުﷲ ޖުނައިދު( ޖޭން) އެވެ. ޖޭންއަކީ ފުޓްސަލް ދަނޑުގައި ފާހަގަކޮށްލެވޭ ފުންނާބު އުސް ހުނަރުވެރި ކުޅުންތެރިއެކެވެ. ޖޭންގެ މި ލަނޑަކީ ތިމަރަފުށީގެ ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ފުރަތަަމަ ހާފު ނިމުމުގެ ކުރިން ތިމަރަފުއްޓަށް ނަތީޖާ އެއްވަރުކޮށްދިނީ އެޓީމުގެ އާދަމް ނާޞިޙް އެވެ. މި ލަނޑަކީ ތިމަރަފުށީ ޓީމުގެ ކެޕްޓަން ސިނާހް ތަނަވަސްކޮށްދިން ފުރުޞަތެއްގައި ގަމުގެ ޕެނަލްޓީ އޭރިއާ ތެެރެއިން ބޯޅަ ކޮންޓްރޯލްކުރުމަށް ފަހު ކީޕަރު ކައިރިން ނައްޓާލާފައި ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މި މެޗުން ގަން މޮޅުވި ލަނޑު ދެވަނަ ހާފުގެ 29 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފުޓްސަލް ދަނޑުގައި ގޯލާއި ގާތްގުޅުމެއް އޮންނަ  ހުނަރުވެރި އަޙްމަދު ޙަލީމް އެވެ. މީގެ އިތުރުން ވެސް ދެވަނަ ހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުޞަތުތަކެއް ތަނަވަސްކޮށްފަ އެވެ.

ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 2-1 ގެ ނަތީޖާއަކުން ގަން ކުރީގައި އޮވެގެންނެވެ. އަދި މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ގަމުގެ ގޯލު ކީޕަރު މުޙައްމަދު ލުފްސާން އެވެ.

މުބާރާތުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިއާގެ މަޤާމު ހޯދާފައި ވަނީވެސް ގަމުގެ އަޙްމަދު ހަލީމް އެވެ. އަދި މުބާރާތްގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ތިމަރަފުށީގެ ކެޕްޓަން އިބްރާހިމް ސިނާހް އެވެ.

Leave a Reply

Your email address will not be published. Required fields are marked *