Search Streamline Icon: https://streamlinehq.com

އެމްޑީޕީ އަކީ ރާއްޖެ ބަދަލުކޮށްލި ޕާޓީ، އެޕާޓީން ގޮވަމުން ދަނީ ރާއްޖެ އަލުން ހަމަމަގަށް އެޅުވުމަށް: އެމްޑީޕީގެ ރައީސް

MDP Shahid

އެމްޑީޕީ އަކީ ދިވެހިރާއްޖެ ބަދަލުކޮށްލި ޕާޓީ ކަމަށާއި އެޕާޓީން ގޮވަމުން ދަނީ ރާއްޖެ އަލުން ހަމަ މަގަށް އެޅުވުމަށް ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ޕޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޝާހިދު ވިދާޅުވީ އެމްޑީޕީން ނުކުތީ މިސްރާބު ހަމަ މަގަށް އެޅުވުމަށް އާ ޖޯޝަކާއި އާ ފޯރިއަކާއި އާ އަޒުމަކާ އެކުގައި ކަމުގަ އެވެ. އަދި އެމްޑީޕީއަކީ ދިވެހިރާއްޖެ ބަދަލުކޮށްލި ޕާޓީ ކަމަށާއި، އެމްޑީޕީން ގޮވަމުންދަނީ ރާއްޖެ އަލުން ހަމަމަގަށް އެޅުވުމަށް ބޭނުންވާކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

ބޯމަތިވަމުން އަންނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުން ތައާރަފް ކުރުމަށް އާޓިފިޝަލް ބީޗުގައި ބޭއްވި ”މިސްރާބު ހަމަ މަގަށް“ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ މި ސަރުކާރުން ވެރިކަމަށް އައިސް ބޮޑު ތަނުން ރައްޔިތުންނަށް އޮޅުވާލާއި ފިތުނަ އުފައްދާފައިވާ ކަމުގަ އެވެ.

ޝާހިދު ވިދާޅުވީ އެމްޑީޕީއަކީ ހިތްވަރު އެލި، ފަހަތަށް ޖެހޭނެ ޕާޓީއެއް ނޫން ކަމުގަ އެވެ. އަދި އެމްޑީޕީން ނުކުމެ އަލުން ދިވެހިރާއްޖެ ހަމަމަގަށް އަޅުވާނެކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.

”މުއައްސަސާތަކަށް އަތް ބާނަން ފަށައިފި. ނޫސްވެރިކަމުގައި ތަޅު އަޅުވަން ފަށައިފި. އަނގަ މަތީގައި މަލަން އަޅުވަން ފަށައިފި. މި ދަނީ ނުބައި މިސްރާބަކަށް.“ އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ ބޭރު ދުނިޔޭގައި ރާއްޖެ ބާކީވާން ފަށާފައިވާ ކަމަށާއި ރާއްޖެ ”ފަހަތަށް ސޮއްސެމުން“ދާ ކަމުގަ އެވެ. އަދި އަނިޔާވެރިކަން ތިލަވާން ފަށައި ހައްގުތައް ހަނި ކުރަން ފަށާފައިވާ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ މިފަހަރުގެ މަޖިލިސް އިންތިހާބު އެމްޑީޕީ އަށް ކާމިޔާބުކޮށް ދިނުމަކީ އެމަނިކުފާނު ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމުގަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *