އިޓަލީގެ ޔުވެންޓަސް އަށް ކުޅެމުން އަންނަ ފްރާންސް ފުޓުބޯޅަ ތަރި ޕޯލް ޕޮގްބާ ހަތަރު އަހަރުދުވަހަށް ފުޓުބޯޅައިން ސަސްޕެންޑް ކޮށްފިއެވެ.
އުމުރުން 30 އަހަރުގެ ޕޮގްބާ ސަަސްޕެންޑް ކުރީ މަނާ ބޭހެއް ބޭނުންކުރި ކަމުގެ ތުހުމަތުގައި ހެދި
އެންޓި ޑޯޕިން ޓެސްޓުތަކުން ފެއިލްވެ، މަނާ ބޭހަށް ޕޮސިޓިވް ވުމުންނެވެ.
ޕޮގްބާއަށް ހަތަރު އަހަރުގެ ސަސަޕެންޝަނަކާއި ކުރިމަތިލާން ޖެހުނުއިރު، ޕޮގްބާ އަށް ދެން އަލުން އެނބުރި ފުޓުބޯޅައިގެ ތެރެއަށް އާދެވޭނީ ހަތަރު އަހަރު ފަހުންނެވެ.
މި ސަސްޕެންޝަން އާއި ގުޅިގެން ޕޮގްބާ ނުރުހުން ފާޅުކުރަމުން އަންނައިރު، އޭނާ ބުނެފައިވަނީ މި ހުކުމަކީ ބޭއިންސާފުން ކުރި ހުކުމެއް ކަމަށެވެ. އަދި އެ ހުކުމް ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓް (ސީއޭއެސް)ގައި އިސްތިއުނާފު ކުރާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.
”އަހަރެންނަށް ވަނީ ޓްރައިބިއުނަލް ނޭޒިއޮނަލް އެންޓިޑޯޕިންގެ ނިންމުން އަންގާފަ. އެއީ ފުޓުބޯޅައިން ހަތަރު އަހަރު ދުވަހަށް ސަސްޕެންޑް ކުރިކަން. މިކަމާއި އަހަރެން ދެކޮޅު. މި ހުކުމަކީ ގޯސް އަދި ނާއިންސާފު ހުކުމެއް.“ ޕޮގްބާ ބުނެފައިވެއެވެ.
ޕޮގްބާއަށް ފުރަތަމަ ވަގުތީ ސަސްޕެންޝަނެއް ދިނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އިޓަލީގެ އެންޓި ޑޯޕިން އޯގަނައިޒޭޝަން (ނާޑޯ) އިން ހެދި އެންޓި ޑޮޕިން ޓެސްޓުތަކުން ފެއިލް ވުމުންނެވެ.
މިފަދަ މައްސަކަތަކާއި ގުޅިގެން ފީފާގެ ގައިޑްލައިނުގައި ބުނެފައިވާ ގޮތުން މިފަދަ އަމަލުތައް ހިންގާ ކުޅުންތެރިންނަށް މަދުވެގެން ދެ އަހަރާއި ހަތަރު އަހަރާ ދެމެދުގެ މުއްދަތެއްގެ ސަސްޕެންޝަނެއް ދޭން ޖެހޭނެއެވެ.
މަނާބޭހެއް ބޭނުން ކުރިކަމުގެ ތުހުމަތުގައި ހަތަރު އަހަރު ދުވަހުގެ ސަސްޕެންޝަނެއް ޕޮގްބާއަށް ކުރިމަތިވިއިރު، އޭނާ މިކަމާއި ގުޅިގެން ނެރުނު ބަޔާނުގައި ބުނެފައިވަނީ ކޯޓުން ކުރި މި ހުކުމަކީ ވަރަށް ބޭއިންސާފުން ކުރި ހުކުމެއް ކަމަށާއި މިއީ ބަލައިގަނެވޭނޭ ހުކުމެއް ނޫންކަމަށެވެ.
އަދި ނިއީ އޭނާގެ ޕްރޮފެޝަނަލް ފުޓުބޯޅަ ކެރިއަރު ހަލާކުކޮށްލަން ރާވައިގެން ކޮށްފައިވާ ކަމެއް ކަމަށާއި މިކަމާއި ވަރަށް ހިތާމަކުރާކަމަށް ޕޮގްބާގެ ބަޔާނުގައި ބުނެފައިވެއެވެ.
އަދި އެއްވެސް ބާވަތެއްގެ މަނާ ބޭހެއް ދުވަހަކުވެސް ބޭނުން ކޮށްފައި ނުވާނޭ ކަމަށާއި އަމިއްލަ އަށް ޕްރޮފެޝަނަލް ކެރިއަރު ހަލާކުކޮށް ލަން ބޭނުން ނުވާކަމަށް ޕޮގްބާ ބުނެފައިވެއެވެ.









