ޕީއެސްޖީއަށް ކުޅެމުން އަންނަ ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭއާއި ނުލައި ކުޅެން އެ ޓީމުން ފަރިތަވާންޖެހޭ ކަމަށާއި ކައިރި މުސްތަގުބަލެއްގައި ޕީއެސްޖީން ކުޅެން ޖެހޭނީ އެމްބާޕޭ ނުލައިކަމަށް ކޯޗު ލުއިސް އެންރީކޭ ބުނެފިއެވެ.
އޭނާ މިހެން ބުނީ ފްރާންސް ލީގުގައި ޕީއެސްޖީން މޮނާކޯއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ.
ޕީއެސްޖީން މޮނާކޯއާ ދެކޮޅަށް ކުޅުނު މެޗުގެ ދެވަނަ ހާފު ފަށައިގެން ކުރީކޮޅު، އެމްބާޕޭ ބަދަލުކޮށްފައިވާއިރު، އެ ބަދަލާއި ގުޅިގެން ނޫސްވެރިން ކުރި ސުވާލަށް ޖަވާބުދެމުން އެންރީކޭ ބުނީ ޕީއެސްޖީ ފަދަ ކުލަބެއްގައި ކޮންމެ ވަގުތަކަށް ވެސް ކަންކަން މުހިންމުވާނެ ކަމަށާއި ކައިރި މުސްތަގުބަލެއްގައި އެމްބާޕޭއާއި ނުލައިވެސް ޕީއެސްޖީން ކުޅެން ޖެހޭނެކަމަށެވެ. އެހެންކަމުން އެފަދަ ހާލަތަށް ވެސް ތައްޔާރުވާންޖެހޭ ކަމަށެވެ.
ޕީއެސްޖީއާއެކު އެމްބާޕޭ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު މި ސީޒަނުގެ ނިޔަލަަށް ހަމަވާއިރު، ޕީއެސްޖީން އޭނާގެ އެއްބަސްވުން އައުކުރަން ދަނީ މަސައްކަތް ކުރަމުންނެވެ. ނަަމަވެސް، އެމްބާޕޭ ވަނީ އެއްބަސްވުން އައުނުކުރާނެކަން ކުލަބަށް އަންގައިފައެވެ.
މިހާރު އޭނާ މަސައްކަތްކުރަނީ މި ސީޒަން ނިމުމާއެކު ސްޕެއިންގެ ރެއާލް މެޑްރިޑަށް ބަދަލުވުމަށެވެ. ޕީއެސްޖީގެ އެއްބަސްވުން އައުނުކުރާނެކަން އެމްބާޕޭ އަންގާފައިވާއިރު، ޕީއެސްޖީން ވަނީ އޭނާގެ ނިންމުމަށް އިހުތިރާމް ކުރާނެ ކަމަށް ވެސް ބުނެފައެވެ.









