ދިވެހިރާއްޖޭގެ އެންމެ މޮޅު އަދިއެންމެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ދިވެހި ފުޓްބޯޅަ ކިންގް ޢަލީ އަޝްފާޤް (ދަނގަޑޭ) ކޮވިޑް-19 އަށް ޕޮޒިޓިވްވެ ޤާޢޫމީ ޓީމާއި ދުރުގައި ހުރުމަށްފަހު ބަލިން ރަނގަޅުވެ އަލުން ޓީމާއި ގުޅެން ނިންމައިފިއެވެ.
އަޝްފާޤު ބުނެފައިވަނީ އެންމެފަހުން ހެދި ޓެސްޓުން އޭނާ ނެގެޓިވް ވެފައިވާކަމުގައެވެ. އެހެންކަމުން ވަރލްޑް ކަޕާއި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިންގައި ވާދަކުރާ ރާއްޖޭގެ ޤައުމީ ޓީމާއި ގުޅޭނެކަމަށް ވެސް އަޝްފާޤް ބުނެފައިވެއެވެ.
އަޝްފާޤް ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ ވޯލްޑްކަޕް އަދި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިން މެޗުތައް ކުޅުމަށް ޗައިނާއަށް ފުރުމުގެ ކުރިން ހެދި އެންމެ ފަހުގެ ޕީސީއާރު ޓެސްޓްތަކުންނެވެ. އަޝްފާގުގެ އިތުރުން ޑިފެންޑަރ އަލީ ޝާމިސް ވެސްވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ.
ދަގަނޑޭ މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ މިއަދު ހެދި ޓެސްޓުތަކުން ކޮވިޑަށް ނެގެޓިވް ވެފައިވާ ކަމަށާއި، މާދަމާ ޤައުމީ ޓީމާ ގުޅޭނެ ކަމުގަ އެވެ.
ވޯލްޑް ކަޕް ކޮލިފައިން ގްރޫޕް އޭގައި ރާއްޖެ އޮތީ ހަތަރު މެޗުން ހަ ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ. ގްރޫޕުގެ އެއް ވަނައިގައި އޮތީ ފަސް މެޗުން 15 ޕޮއިންޓާ އެކު ސީރިއާ އެވެ. ޗައިނާ ހަތަރު މެޗުން ހަތް ޕޮއިންޓާ އެކު ދެ ވަނައިގައި އޮތްއިރު، ތިން ވަނައިގައި އޮތީ ފަސް މެޗުން ހަތް ޕޮއިންޓް ހޯދާފައިވާ ފިލިޕީންސެވެ. އެންމެ ފުލުގައި އޮތީ ފަސް މެޗު ކުޅެ ޕޮއިންޓެއް ލިބިފައިނުވާ ގުއާމެވެ.
ކޮލިފައިން ގައި މިރޭ ރާއްޖޭގެ ގައުމީ ޓީމު ނުކުންނާނީ ސީރިއާ އާ ދެކޮޅަށެވެ.













