ރާއްޖޭގައި ޤާއިމުކުރާ 7 އާބަން ސެންޓަރުގެ ތެރޭގައި ކުޑަހުވަދޫ ހިމެނޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދ. ކުޑަހުވަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރާއްޖެ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރުމަށްޓަކައި ރާއްޖެ އެކި ޒޯންތަކަށް ބަހާލައިގެން އަދި އެއްފަސްކުރުމުގެ ސިޔާސަތެއްގެ ދަށުން ތަރައްޤީކުރުމުގެ މުހިންމުކަން ފާހަގަކުރެއްވި އެވެ. އެގޮތުން ރާއްޖޭގެ އެންމެ އުތުރުގެ 4 އަތޮޅަކީ ޑިވެލޮޕްމަންޓު ޒޯނެއްގެ ގޮތުގައި އަދި އެންމެ ދެކުނުގެ 4 އަތޮޅުވެސް ޑިވެލޮޕްމަންޓް ޒޯނެއްގެ ގޮތުގައި ތަރައްޤީކުރެވިގެންދާނެކަމުގައި ވިދާޅުވި އެވެ. މީގެ އިތުރުން ހިމެނޭ ސަރަހައްދުތަކުން މާލެސިޓީ ނުހިމަނާ އިތުރު 7 އާބަން ސެންޓަރެއް އެންމެ މަތީ ފެންވަރުގެ ޚިދުމަތްތަކާއެކު ތަރައްޤީ ކުރައްވާނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުޑަހުވަދޫ އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްޤީ ކުރާއިރު ކައުންސިލުން ފާހަގަކުރެއްވި ހުރިހާ ކަމެއްވެސް ފުރިހަމަވެގެންދާނެކަމުގަ އެވެ. އެގޮތުން ބަނދަރު ބޮޑުކޮށް ރަނގަޅުފެންވަރެއްގައި ތަރައްޤީކުރުމާއި، ކޮމާޝަލް ހާބަރެއް ތަރައްޤީކުރުމާއި، ހޮސްޕިޓަލުގެ ޚިދުމަތްތައް އިތުރުކޮށް ފެންވަރު މަތިކުރުމާއި، ހޮސްޕިޓަލުގެ އާއިމާރާތެއް އެޅުމާއި، މަލްޓި ސްޕޯޓްސް ކޮމްޕްލެކްސްއެއް ޤާއިމުކުރުމާއި އަދި އެނޫންވެސް އާބަންސެންޓަރެއްގައި ހުންނަންޖެހޭ ހުރިހާކަމެއް ގާއިމުކުރެވޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.









