މަޖިލިސް މެޖޯރިޓީ ދިނަސް ނުދިނަސް އަނިޔާވެރި ސަރުކާރެއް ރައްޔިތުންނަށް އަނިޔާވެރިވާނެކަމަށާއި، މިހާރު މިއޮތް ރައީސް ޑރ. މުޙަންމަދު މުއިއްޒުގެ ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ދިން ނަމަވެސް އަނިޔާވެރި ނުވާނެކަމަށް ރައީސްގެ ސްޕެޝަލް އެޑްވައިޒަރު ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މާލޭގައި ރޭ ބޭއްވި ކެމްޕޭނު ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ މިހާރު މި އޮތް ރައީސް ޑރ. މުޙަންމަދު މުއިއްޒުގެ ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ދިން ނަމަވެސް އަނިޔާވެރި ނުވާނެ ކަމަށާއި މަޖިލިސް މެޖޯރިޓީ ދިނަސް ނުދިނަސް އަނިޔާވެރި ސަރުކާރެއް ރައްޔިތުންނަށް އަނިޔާވެރިވާނެ ކަމަށެވެ.
އަދުރޭ ވިދާޅުވީ މި ސަރުކާރަށް މިވީ އަދި ހަތަރު މަސްކަމަށާއި މި ފާއިތުވި ހަތަރު މަސް ދުވަހުގެ ތެރޭގައި ބަދަލުހިފުމުގެ ގޮތުން ރައީސް އެއްވެސް ކަމެއް ނުކުރައްވާ ކަމަށެވެ. އަދި ދިވެހިންގެރާއްޖެ އެއް ބިނާ ކުރެވޭނީ ދިވެހިންގެރާއްޖެ މަޖިލީހަށް ވެސް ގެންގޮސްގެން ކަމަށް އަދުރޭ ވިދާޅުވި އެވެ.
އަދުރޭ ވިދާޅުވީ ދިވެހިންގެރާއްޖޭގައި އަނިޔާވެރިކަމެއް ނޯންނާނެ ކަމަށާއި އެ ރާއްޖޭގައި އޮންނާނީ ސުލްހަވެރިކަމާއި، އެކުވެރިކަމާއި ހަމަޖެހުމާއި އަދި ދިރިއުޅޭނީ ފުދުންތެރި ރައްޔިތުން ކަމަށެވެ. އެ ރާއްޖެ ބިނާކުރުމަށް ރައްޔިތުންނަށް މިއަދު ކޮށްދެވޭނެ ކަމަކީ ރައީސް މުއިއްޒަށް މަޖިލީހުގެ މެޖޯރިޓީ ދިނުން ކަމަށާއި ވާދަވެރިން ދައްކާ ވާހަކަތަކުގައި ރައްޔިތުން އެއްގޮތަކަށް ވެސް ނުޖެހުމަށް އަދުރޭ ގޮވާލެއްވި އެވެ.
އަދުރޭ ވިދާޅުވީ ފާއިތުވި ހަތަރު މަސް ދުވަހުގެ ތެރޭގައި ރައީސް މުއިއްޒު މަސައްކަތްތައް ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ތާއީދާއި އެއްބާރުލުމެއް ނެތި ކަމަށާއި ނަމަވެސް ރައީސް ކުރެއްވި މަސައްކަތަށް ބަލާއިރު، ގައުމު މިހާރު އޮތް ހާލަތުން ދެ އަހަރެއްހާ ދުވަހުގެ ހިދުމަތް އެމަނިކުފާނު މިހާރުވެސް ގައުމަށް ކޮށްދެއްވާފައިވާ ކަމަށެވެ.









