އިންޑިއާ ސިފައިން ރާއްޖޭގައި ނެތްކަން މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ކެންޑިޑޭޓުން ބުނަމުން ދާކަމަށާއި އިންޑިއާ ސިފައިން ރާއްޖޭގައި ތިބި އަދަދާއި ތިބި ކަން ވެސް މި ސަރުކާރުން ގަބޫލުކުރަން ބޭނުންނުވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ. 
ޔާމީން އުފައްދަވާ ސިޔާސީ ޕާޓީ، ޕީއެންއެފްގެ އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖޭގައި ނެތްކަން މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ކެންޑިޑޭޓުން ބުނަމުން ދާކަމަށާއި އިންޑިއާ ސިފައިން ރާއްޖޭގައި ތިބި އަދަދާއި ތިބި ކަން ވެސް މި ސަރުކާރުން ގަބޫލުކުރަން ބޭނުންނުވާ ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ އިންޑިއާ އައުޓު ޖަހައިގެން، އިންޑިއާ ސިފައިން މިތާ ތިބެން ނުޖެހޭ ކަމަށް ގިނަ ދިވެހި ރައްޔިތުން ގަބޫލުކުރާތީ ވަރަށް ގިނަ މަސައްކަތްތަކެއް އޭރު ޕީޕީއެމް އަދި ޕީއެންސީގެ ބޭފުޅުންވެސް ހިމެނޭ ގޮތަށް ކުރިކަމަށާއި ނަމަވެސް އިންޑިއާ ސިފައިން ރާއްޖޭގައި ތިބިކަމަށް ބުނަން މިއަދު އެ ބޭފުޅުން ލަދުވެތިވެ ބިރުގަންނަކަމަށެވެ. އަދި މިއަދުގެ ސަރުކާރުން ދެކެނީ އެއީ މައްސަލައެއް ނޫން ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ރިޔާސީ ގަރާރު ބާތިލުކުރަން މަދަނީ ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އަވަސްކުރަން ސަރުކާރުން މަސައްކަތް ނުކުރަނީ ކީއްވެތޯ ވެސް ރައީސް ޔާމީން ވަނީ ސުވާލުކޮށްފައެވެ. 
މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ ދިވެހި ސަރުކާރުންނާއި ސަރުކާރު ތަމްސީލްކުރަން ތިބި މަތީ ފެންވަރުގެ މީހުން އިންޑިއާ މީހުންނަށް ހަނގާ ކުރުމަށްޓަކައި ބައެއް ކަންތައްތައް ކޮށްފައިވާ ކަމަށާއި އެ މައްސަލައަށް ހައްލެއް ލިބިފައިނުވަނީ ކީއްވެގެންތޯ ޔާމީން ވަނީ ސުވާލުއުފައްދާފައެވެ.
ޔާމީން އިތުރަށް ވިދާޅުވީ ވެރިކަމަށް ވަޑައިގަތުމަށް ފަހު މިހާތަނަށް ހާމަ ކުރި އަދަދަކީ، ރާއްޖޭގައި ތިބީ އިންޑިއާގެ 89 ސިފައިން ކަމަށާއި ބާކީތިބި އިންޑިއާ ސިފައިން ރާއްޖޭން ދާނެ ތާރީހެއް ސަރުކާރަށް ބުނެވެންޖެހޭނެކަމަށެވެ.









