Search Streamline Icon: https://streamlinehq.com

ރޯދައަކީ ނުބައި އަހުލާގުން މީހާ ރައްކާތެރިކޮށްދޭ އައްޑަނަ: ޚުތުބާ

64ba3941 d9d0 40e0 8158 9ed0b5a77e9a

ރޯދައަކީ ނުބައި އަހުލާގުން މީހާ ރައްކާތެރިކޮށްދޭ އައްޑަނަ ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

“ރަމަޟާންމަހާއި ދިރިއުޅުން“ މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް މިއަދު އިއްވި ޚުތުބާގައި ބުނީ ރަމަޟާން މަހަކީ އަޅުކަމާއި މަޣްފިރަތުގެ މައްސަރެއް ކަމަށާއި، ޤުރުއާން ކިޔެވުމާއި، ރޭއަޅުކަންކުރުމުގެ މައްސަރެއް ކަމަށެވެ. އަދި މި މައްސަރަކީ ނުބައި އަހުލާގުން މީހާ ރައްކާތެރިކޮށްދޭ އައްޑަނަ ކަމަށެވެ.

ޚުތުބާގައި ބުނީ ރޯދައިގެ އަޅުކަމުގައި ރޫޙާނީ، އިޖްތިމާއީ ސިއްހީ ގިނަގުނަ ފައިދާތަކެއްވާ ކަމަށެވެ. ރޯދަ އަހަރެމެނަށް ކެތްތެރިކަން ދަސްކޮށްދޭ ކަމަށާއި، ރޯދައަކީ ކެތްތެރިކަމުގެ ދެބައިކުޅަ އެއްބައި ކަމަށެވެ. އަދި މީގެ އިތުރުން ރޯދައަކީ މުސްލިމުންގެ އަހުލާގު ތަހުޒީބުކޮށް ތަރައްގީކޮށްދޭ އަޅުކަމެއްކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ ރޯދަވެރިޔާ ރޯދައަށް ހުންނައިރު ރައްކާތެރިވާންޖެހޭ ކަންތައްތަކެއްވާ ކަމަށާއި އެގޮތުން ދެބައޮޑުވުމާއި، ނެތިމޮށުންފަދަ ބޮޑެތި ފާފަތަކާ ދުރުހެލިވާން ޖެހޭ ކަމަށެވެ. އަދި ދެބަސްވުންތަކާއި ހަޑިހުތުރު ބަސްތައް ބުނުމުން ދުރުހެލިވާންޖެހޭ ކަމަށާއި އަދި ރޯދަވެރިޔާ އަހުލާގު ރަނގަޅު ނުކުރުމުން ރޯދައިން ލިބޭ ދަރުމަ އުނިވާނެ ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ. އަދި އެފަދަ މީހާ ވާހުށީ ގިޔާމަތް ދުވަހުން މިދުނިޔޭގައި ކުޅަކަންތަކަށް ހިތާމަ ކުރާނޭ މީހަކަށް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ ރޯދަ އަހަރެމެންނަށް ދަސްކޮށްދެނީ އަނެކާގެ އިހްސާސްތަކުގައި ބައިވެރިވެ ނިކަމެތި ހާލުގައި އުޅޭ ފަގީރުންނާއި މުހުތާދުވެރިންނަށް އެހީތެރިވުމަށް ކަމަށާއި އެންމެ ހެޔޮމީހަކީ، ބަނޑުހައިހޫނު ކަމުގައި އުޅޭ މުސްލިމް އަޚުންނާއި އުޚުތުންނަށް، ކުޅަދާނަވީ ވަރަކުން އެހީތެރިކަން ފޯރުކޮށްދީ، އެމީހުންގެ ކެކުޅުންތަކުގައި ބައިވެރިވެ، އެމީހުންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދޭ މީހާ ކަމަށެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ މިފަދަ ފަހި ފުރުސަތެއް ދެވަނަފަހަރު ނުލިބުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި މި މައްސަރުގެ ފައިދާ ހެޔޮގޮތުގައި ލިބޭނީ، ކީރިތި ރަސޫލާ މުހައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި މިއުންމަތުގެ ޞަލަފުއްޞާލިޙުން ރަމަޟާން މަހުގައި އަޅުކަން ކުރެއްވިގޮތް ނަމޫނާއަކަށް ބަލައިގެން ކަމަށެވެ.

ފަރްޟު ފަސްނަމާދާ ގުޅިގެން ކުރެވޭ ރަވާތިބު ސުންނަތްތަކަށް ރައްކާތެރިވެ، ސުވަރުގޭގައި ގަނޑުވަރެއް ބިނާކުރާ މީހަކަށްވުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ. ދުވާލާއި ރޭގަނޑުގެ ވަގުތުތައް މާތް ﷲ ރުއްސަވާ ގޮތުގެ މަތީން ހޭދަކުރާ ބަޔަކަށްވުމަށާއި، ތާރާވީޙު ނަމާދާއި ރޭއަޅުކަން ކުރުމަށް އެދިފައިވެއެވެ. އަދި ގުރްއާން ގިނަގިނައިން ތިލާވަތު ކުރުމަކީ، ހިތްތަކަށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭ ކަމެއްގެ ގޮތުގައި ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *