މިއަހަރަށް ކަނޑައަޅާފައިވާ އާސަންދއިގެ ބަޖެޓުން ތައިލޭންޑާއި ޔޫއޭއީއަށް އާސަންދަ ހަމަޖެއްސުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމުގައި އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އައްޑޫސިޓީ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ކުރެއްވި ސުވަލަކަށް މަޖިލީހުގައި ޖަވާބު ދެއްވަމުން އެކަމަނާ ވިދާޅުވީ މިއަހަރަށް ކަނޑައަޅާފައިވާ އާސަންދައިގެ ބަޖެޓުން ތައިލޭންޑާއި ޔޫއޭއީއަށް އާސަންދަ ހަމަޖެއްސުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމުގައެވެ.
މިނިސްޓަރ އައިޝަތު ޝިހާމްއާއި ސުވާލުކުރައްވަމުން ރޮޒައިނާ ވިދާޅުވީ ޔޫއޭއީ އަދި ތައިލޭންޑުން އާސަންދަ ލިބޭނީ ކޮން ޚިދުމަތްތަކަކުންތޯ އާއި މި ޚިދުމަތް ލިބޭނެ ތާރީޚަކީ ކޮބައިތޯ ކަމުގަ އެވެ.
ރޮޒައިނާގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރ ޢާއިޝަތު ޝިހާމް ވިދާޅުވީ ޔޫއޭއީން އަދި ތައިލޭންޑްގައި ހުރުމާއި ދަތުރުފަތުރު ހަމަޖެހޭގޮތައް އާސަންދަ ހަމަޖެއްސުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅެއް ކަމަށާއި، މިކަމާއި ގުޅޭ މަޝްވަރާތަކާއި ކަންކަން ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން ގެންދަވާ ކަމުގައެވެ.
”އާސަންދައަށް މިއަހަރަށް ބަޖެޓްކޮށްފައިވާ އަދަދުގެ ތެރެއިން މެނޭޖްކުރެވޭނެ ގޮތައް މި ސިޔާސަތު އެކުލަވާލުމުގެ މަސައްކަތް ދަނީ ކުރެވެމުން. އަދި މި ބަދަލަކާއި އެކުވެސް އާސަންދައިގެ ޚިދުމަތް ލިބޭ މީހުންގެ އަދަދަކަށް އުނިކަމެއް ނާންނާނެ. މިގޮތުން ޚިދުމަތް ދޭނެ މޮޑެލްތަކާއި، ކަވަރ ކުރާނެ ޚިދުމަތްތަކާއި ޚަރަދު ހަމަޖައްސާނެގޮތުގެ މަޝްވަރާތައް ދަނީ ކުރެވެމުން. މިކަންކަން ނިމުމުން ކަމާގުޅުންހުރި ފަރާތްތަކަށް ޙިއްސާކުރެވިގެންދާނެ.“ މިނިސްޓަރ ޢާއިޝަތު ޝިހާމް ވިދާޅުވި އެވެ.
މިނިސްޓަރ ވިދާޅުވީ 2023ވަނަ އަހަރު މުޅި އާސަންދަ ސްކީމަށް ބަޖެޓްކޮށްފައިވަނީ 1 ބިލިއަން ރުފިޔާކަމުގައެވެ. ނަމަވެސް 2023 ވަނަ އަހަރު ނިމުނުއިރު 2.3 ބިލިއަން ރުފިޔާ އާސަންދައިން ޚަރަދުކޮށްފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.
މީގެތެރެއިން 1 ބިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރެވިފައިވަނީ ބޭހަށްކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.
ދުނިޔޭގެ ބާޒާރުގައި ބޭސް ލިބެން ހުންނަ އަދަދުތަކަށްވުރެ ރާއްޖެއިން ބޭސްލިބެންހުންނަ އަގުތައް ދޮޅު ގުނަ ބޮޑުކަން ވޯލްޑް ބޭންކުންވެސް ފާހަގަކޮށްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ރާއްޖޭގައި ލިބެންހުރި ބޭހުގެ އަގުތަކަކީ މި ސަރަޙައްދުގެ އެހެން ޤައުމުތަކަށް އަޅާބަލާއިރު 70 ގުނަ އަށް ބޮޑު އަދަދުތަކެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.









