14 ހަފްތާ ނިމުނު އިރުގަ 14 ހަފްތާއަށް ކަނޑައެޅި ވައުދުތައް އެވަނީ ގާތްގަނޑަކަށް ހަމަ 100 ޕަސެންޓް ނިންމިފައިކަމަށާއި އޭގެތެރެއިން މިހާރުވެސް 97 ޕަސެންޓްވަރު ވައުދު ފުއްދިއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. 

ރައީސް އޮފީހުން ގެނެސްދެމުން އަންނަ “ރައީސްގެ ޖަވާބު” ސެގްމެންޓްގައި މާލެސިޓީ، މ. މެޑަލްމާގެ، އިސްމާއިލް ނިޔާޒް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ 14 ހަފްތާ ނިމުނު އިރުގަ 14 ހަފްތާއަށް ކަނޑައެޅި ވައުދުތައް އެވަނީ ގާތްގަނޑަކަށް ހަމަ 100 ޕަސެންޓް ނިންމިފައިކަމަށާއި އޭގެތެރެއިން މިހާރުވެސް 97 ޕަސެންޓްވަރު ވައުދު ފުއްދިއްޖެކަމަށެވެ.
ނިޔާޒްގެ ސުވާލުގައި އަހާފައިވަނީ ކުރީގެ ސަރުކާރުންވެސް ވަރަށް ގިނަ ވައުދުތައް ވެ، ވެރިކަމެއް ނިމިގެންދާއިރު ފުއްދަންބުނާ ވައުދުތަކުގެ ތެރޭގަ 50 ޕަސެންޓްވެސް ނުނިމޭ ކަމަށާއި ރައީސް މުއިއްޒު ވެލެއްވި ވައުދުތައް ފުއްދޭނެކަމުގެ ކިހާ ގެރެންޓީއެއް އޮތްތޯ؟ އެވެ.
ޖަވާބުގައި ރައީސް ވިދާޅުވީ ކޮންމެ ވައުދެއްވެސް ވެފައިވާނީ ފުއްދުމުގެ ނިޔަތުގައި އަދި ފުއްދޭނެ ކަމަށް ގަބޫލު ކުރެވޭތީ އަދި ހަމަ އެހެންމެ ފުއްދޭނެ ގޮތްވެސް އެނގިލައްވާތީ ކަމަށެވެ.
ރައީސް ވިދާޅުވީ ވައުދުތަކުގެ އެންމެ ބޮޑު އިންސައްތައެއް ކަވަރު ކުރަނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދޭ ބަޖެޓުން ކަމަށާއި ބަޖެޓަކީ ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ ބާރު އޮންނަ ކަމެއް ކަމަށެވެ. މިފަހަރަށް ފާސްކުރި ބަޖެޓުވެސް އަޅުގަނޑު މި އަހަރަށް ކުރިއަށްގެންދަން ބޭނުންވާ މަޝްރޫއުތައްވެސް ހިމަނާފަ ފޮނުވީމަވެސް އޭގެ ތެރެއިން އެތައް މަޝްރޫއެއްގެ އަދަދުތައް ވަރަށް ކުޑަކޮށްލާފަ އަދި ބައެއް މަޝްރޫއުތައް އެއްކޮށް އުނިކޮށްލާފަ ބަޖެޓް ފާސްކުރިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެހެންވީމަ ވަރަށް ގިނަ ކަންކަމުގެ ދަތިތައް ދިމާވާކަމަށެވެ.
ހުރިހާ ވައުދެއް ފުއްދޭނެކަމުގެ ޔަގީންކަން އޮތްކަން ފާހަގަކުރައްވަމުން ރައީސް ތަކުރާރު ކުރެއްވީ އެ ވައުދުތައް ފުއްދުމަށްޓަކާ ބޭނުންވާ ކަންތައްތަކެއް އެބަ ހުރިކަމަށާއި އެންމެ މުހިންމު ކަމަކީ ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން ކަމަށެވެ. އެ އެއްބާރުލުން ނުލިބި ސަރުކާރަކަށް މި ރާއްޖޭގަ ގާނޫނު އަސާސީގެ ތެރެއިން ރައްޔިތުންނަށް ކަންކަން ކޮށްދިނުމުގަ ސަރުކާރަށް ފުރިހަމަ ކަމާއެކީގަ ކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން ރައްޔިތުން އަޅުގަނޑަށް ހޯދައިދެއްވައިފިއްޔާ ޝުކުރުވެރިވެލައްވާނެކަމަށާއި އެއްބާރުލުން ސަރުކާރަށް ދެއްވުމުގެ ބާރާ އެ ދައުރު މިއޮތީ ރައްޔިތުންގެ އަތްޕުޅުގައި ކަމަށެވެ. ކުރިއަށް މި އޮތް އިންތިޚާބުގަ އެގޮތަށް ހަމަޖައްސައިދެއްވާނެކަމަށް އުންމީދުކުރައްވާކަމަށާއި އޭރުން ސަރުކާރުން ދާން ބޭނުންވާ ބާރު ސްޕީޑްގަ ދިޔުމުގެ ފަސޭހަވެ މަގުފަހިވެގެންދާނެ ކަމަށާއި ފަސް އަހަރުތެރޭގައި ވައުދުތައް 100 އިންސައްތަ ފުއްދައިދެވޭނެކަމުގައިވެސް ރައީސް ވިދާޅުވިއެވެ.









