ޖިނާއީ ކުށުގެ ޒިންމާ ނަގަން ޖެހޭ އުމުރު 12 އަހަރަށް ދަށްކުރަން ނިންމާފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ރޭ، އއ. ރަސްދޫގެ މިސްކިތެއްގެ ފާހާނާގައި ކުޑަކުއްޖަކަށް ހަނގާކޮށް، އަނިޔާކުރި މައްސަަލައެއް ފެންމަތިވެ ކަމާއި ބެހޭ ގޮތުން ކުޑަކުދިން ގަނާއިން ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޓާސްކްފޯސް އިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ، މި ވަގުތު ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލަ އަކީ ޖިނާއި ކުށުގެ ޒިންމާ ނަގަން ޖެހޭ އުމުރަކީ 15 އަހަރު ކަމުގައި ކަނޑައަޅާފައި އޮތް އޮތުން ކަމަށެވެ.
ފުލުހުންގެ ރިކޯޑުތަކާއި ޖުވެނައިލް ޖަސްޓިސް ޑިޕާޓްމެންޓުގެ ރިކޯޑްތަކަށް އިޝާރާތް ކުރައްވަ މިނިސްޓަރު ވިދާޅުވީ، ކުށުގެ ވެށީގެ މާހައުލުގައި 12 އަހަރާއި 13 އަހަރުގެ ގިނަ އަދަދެއްގެ ކުދިން އުޅެމުންދާ ކަމަށެވެ.
“މި ދެންނެވި 200 ކުދިންގެ ތެރޭގައިވެސް ގިނައީ 12،13، އަދި 14 އަހަރުގެ ކުދިން“ އިހުސާން ވިދާޅުވިއެވެ. އެހެން އޮތުމުން އެއިން އެއްވެސް ކުއްޖަކީ ކުށުގެ ޒިންމާ ނަގަންޖެހޭ އުމުރަށް ނުފެތޭ ކުދިން ކަމަށް ވިދާޅުވިއެވެ. އެހެންވެ ސަރުކާރުގެ ވިސްނުމަކީ އެ އުމުރުފުރާ ބަދަލުކުރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އިހުސާން ވިދާޅުވީ ދުނިޔޭގެ ކުރިއަރާފައިވާ ބައެއް ގައުމުތަކުގައިވެސް ކުށުގެ ޒިންމާ ނަގަން ޖެހޭ އުމުރު 15 އަހަރަށް ދަށްކޮށްފައިވާ ކަމަށެވެ.
އެ ޕްރެސްގައި ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވީ ކުޑަކުއްޖަކު ބަންދު ކުރަންޖެހިއްޖެނަމަ އޮންނަ ގާނޫނީ އިޖުރާއަތު މިހާރު އޮތީ އެހާ ސާފުކޮށް ނޫން ކަމަށެވެ. އެހެންވެ ކުޑަކުއްޖާ ބަންދުކުރުމުގެ އަމުރު ނެރެން ޖެހޭ ކޯޓުގެ ހިލާފެއް ވެސް އުޅޭ ކަމަށް ވިދާޅުވިއެވެ.









