Search Streamline Icon: https://streamlinehq.com

ފަހުގެ

ރޭ އެސްއޯ ފުލުހުން ނެރުނު މައްސަލަ ބަލާނަން. އެކަން ޓޮލެރޭޓެއް ނުކުރާނަން: ރައީސް

Original

ޕީއެންއެފް އުފެއްދުމަަށް ރޭ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ހޯލްގައި ބާއްވަން އުޅުނު ޖަލްސާއާ ދިމާކޮށް ހިނގި ކަންކަން ކޮންޓްރޯލް ކުރަން އެސްއޯ ފުލުހުން ނުކުމެފައި ވަނީ ސީދާ އެ މަނިކުފާނުގެ އިރުޝާދާ ހިލާފަށް ކަމަށާއި އެކަން ހިނގި ގޮތް ބައްލަވައި ފިޔަވަޅު އަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރޭގައި ހިނގި ކަންތަކާއި ގުޅިގެން، ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައި މުލީއާގޭގައި ހުންނަވައި މިއަދު ބައެއް މީޑިއާތަކަށް ރައީސް ވިދާޅުވީ، އެސްއޯ ފުލުހުން އެފަދަ ތަންތަނަށް ނުނެރެން ވަރަށް ސާފުކޮށް ކުރިން އަންގަވާފައިވާނެކަމަށާއި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު އަށް އެ ވާހަކަ ކުރިން ދަންނަވައި އަދި ފުލުހުންނާއެކު ވަރަށް ފަހުން ބޭއްވެވި ބައްދަލުވުމެއްގައިވެސް އެ އިންސްޓްރަކްޝަން ދެއްވި ކަމަށެވެ.

ރައީސް ވިދާޅުވީ އެސްއޯ ފުލުހުން ފޮނުވަން ޖެހިއްޖިއްޔާ އެމަނިކުފާނަށް އެނގިވަޑައިގަންނަވާނޭ ކަމަށެވެ. އަދި ބައެއްގެ މުދަލަށް ގެއްލުންދީ، ތަނެއްގައި ރޯކޮށް، މީހުންނަށް ޖިސްމާނީ އަނިޔާކޮށް ނޫނިއްޔާ މުގައްދަސް ތަނަކަށް، މިސްކިތަކަށް ގެއްލުން ދިނުންފަދަ ކަންކަން ކުރާ ހިސާބަށް ހިނގައްޖެ ހާލަތެއްގައި އެސްއޯ ފުލުހުން ފޮނުވިދާނޭ ކަމަށާއި ނަމަވެސް އަދި އެފަދަ ހާލަތަކަށް ކަންކަން ނުދާކަމަށާއި އަދި ނުވެސް ދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ރޭގައި އެކަމެއް ހިނވި ވަގުތު މަނިކުފާނު އުޅުއްވީ މަޖިލިސް އިންތިހާބުގެ ކެމްޕެއިން ދެ ހަރަކާތެއްގައި ކަމަށާއި ހަމަނުޖެހުން ހިނގައިގެން އުޅޭކަން އެނގިވަޑައިގަތީ ވެސް ނޫހުން ކަމަށެވެ.

އެހެންވެ، ވަގުތުން ހޯމް މިނިސްޓަރާއި ޕޮލިސް ކޮމިޝަނަރު ޝުޖާއު އަށް ގުޅުއްވައި ކަން ހިނގި ގޮތް ބައްލަވަން އެންގެވި ކަމަށްވެސް ރައީސް ވިދާޅުވި އެވެ. އަދި އެކަން ހިނގި ގޮތުގެ އިންވެސްޓިގޭޝަން ރިޕޯޓެއް ތައްޔާރުކޮށް ފޮނުވުމަށް ވެސް ދަންނަވާފައިވާނޭ ކަމަށާއި އެކަން ބަލާފައި އެކަން ކުރި ބަޔަކަށް އަޅަންޖެހޭ ފިޔަވަޅު އަޅާނެކަމަށް ރައީސް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި