ކޮންކާކަފް ޗެމްޕިއަންސް ކަޕްގެ ކުއާޓާ ފައިނަލްގެ ދެވަނަ ލެގުގެ މެޗުންވެސް ބަލިވެ، އިންޓަ މިއާމީ މުބާރާތުން ކަޓައިފިއެވެ.
އިންޓަ މިއާމީ މުބަރާތުން ކެޓީ މިއަދު މޮންޓްރޭއާ ދެކޮޅަށް ކުޅުނު ކުއާޓާ ފައިނަލުގެ ދެވަނަ ލެގުގައި 1-3 ގެ ނަތީޖާއަކުން ބަލިވުމުންނެވެ.
މޮންޓްރޭއާ ދެކޮޅަށް ކުޅުނު ފުރަތަމަ ލެގުގެ މެޗުން ވެސް އިންޓަ މިއާމީ 1-2 ގެ ނަތީޖާއިން ބަލިވެފައިވާއިރު، މޮންޓްރޭއާ އިން އިންޓަ މިއާމީގެ މައްޗަށް ކުރި ހޯދާފައިވަނީ 2-5 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.
މި މަހުގެ ހަތަރު ވަނަ ދުވަހު ކުޅުނު ކުއާޓާގެ ފުރަތަމަ ލެގުގެ މެޗުގައި ލިއޮނެލް މެސީ ކުޅެފައި ނުވި ނަމަވެސް، މިއަދު ކުޅުނު ދެވަނަ ލެގުގެ މެޗުގައި މެސީ ވަނީ ކުޅެފައެވެ.
މޮންޓްރޭއާ އާއި ދެކޮޅަށް އިންޓަ މިއާމީ މިއަދު ކުޅުނު މެޗުގައި މެސީ އާއި އެކު، ލުއިސް ސުއަރޭޒް، ސާޖިއޯ ބުސްކެޓްސް އަދި ޖޯޑީ އަލްބާ ފަދަ މުހިންމު ކުޅުންތެރިން ވަނީ ކުޅެފަ އެވެ.
މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް މޮންޓްރޭއާއިންނެވެ. މެޗުގެ 31 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ބްރެންޑޮން ވަޒްކޭޒް އެވެ. މެޗުގައި މޮންޓްރޭ އިން އެ ޓީމުގެ ދެ ލަނޑު ޖެހީ ދެ ވަަނަ ހާފުގަ އެވެ. މެޗުގެ ލީޑު ފުޅާކުރި މި ލަނޑު މޮންޓްރޭއާ އަށް ޖަހައި ދިނީ 58 ވަނަ މިނެޓުގައި ޖެރްމަން ބާޓެރޯމީ އެވެ. އަދި މޮންޓްރޭއާ އަށް މެޗުގެ ތިންވަނަ ލަނޑު 64 ވަނަ މިނެޓުގައި ޖަހައިދިނީ ޖީސަސް ގަލާޑޯއެވެ.
އިންޓަ މިއާމީން މި މެޗުގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 85 ވަނަ މިނެޓުގައި ޖަހައިދިނީ ޑިއޭގޯ ގޯމޭޒްއެވެ.
ކޮންކަކާފް ޗެމްޕިއަންސް ކަޕަކީ އުތުރު އެމެރިކާ، ސެންޓްރަލް އެމެރިކާ އަދި ކެރިބިއަންގެ ގައުމުތަކުގެ ކުލަބުތަކުގެ މެދުގައި ބާއްވާ ޕްރިމިއާ ރީޖަނަލް ކްލަބް ފުޓުބޯޅަމުބާރާތެކެވެ.
މިއަހަރުގެ މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ޓީމަކަށް އަންނަ އަހަރުގެ ފީފާ ކްލަބް ވޯލްޑް ކަޕުން ޖާގަ ލިބޭނެއެވެ.
1962 ވަނަ އަހަރު މެކްސިކޯގެ ގުއަޑަލަޖާރާ އެފްސީން ފުރަތަމަ މުބާރާތް ކާމިޔާބުކުރި ފަހުން މެކްސިކޯގެ ކްލަބުތަކުން އަންނަނީ ޗެމްޕިއަންސް ކަޕް ޑޮމިނޭޓްކުރަމުންނެވެ. އެގޮތުން މެކްސިކޯގެ އެކި ކުލަބުތަކުން 38 ފަހަރު މި މުބާރާތުގެ ތަށި އުފުލާފައިވެއެވެ.









