މާތްވެގެންވާ އިސްލާމްދީން ބާރުއަޅަނީ ހަލާލު ގޮތުގައި މަސައްކަތް ކޮށްގެން ރިޒުގު ހޯދުމަށްކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
ފަރުޟު ޒަކާތާއި އިގްތިސާދާހުރި ގުޅުން މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ މާތްވެގެންވާ އިސްލާމްދީން ބާރުއަޅަނީ ހަލާލު ގޮތުގައި މަސައްކަތް ކޮށްގެން ރިޒުގު ހޯދުމަށްކަމަށާއި ކުރާނޭ މަސައްކަތެއް އޮވެފައި، އެ މީހެއްގެ ހަށިގަނޑުގައި ވަރުހުރި ނަމަ، އެފަދަ މީހަކު ޒަކާތް ލިބިގަތުން ހުއްދަ ނުވާނެ އެވެ. އަދި ޒަކާތަކީ މުދާވެރިއަކު ފޯރުކޮށްދޭ ފަރުދީ އިޙްސާންތެރިކަމެއް ނޫންކަމަށެވެ.
މުއްސަނދިންގެ މުދަލުން ޒަކާތް ނެގުމުގެ ބޭނުމަކީ އެއްވެސް ހާލެއްގައި އެބައިމީހުންގެ ތަނަވަސްކަން ނިގުޅައިގަނެ އެއުރެންގެ ހައްގުތަކަށް އަރައިގަތުމެއް ނޫން ކަމަށާއި މުދަލު ޒަކާތް ދިނުމަކީ ދީނުގެ މަތިވެރި ރުކުނަކަށް ވީ ނަމަވެސް، އެއާމެދު ވަރަށް ގިނަ މީހުންގެ ހޭލުންތެރިކަން ކުޑަ ކަމަށެވެ. ބައެއް މީހުން ހީކުރާ ގޮތުގައި ރަމަޟާންމަހު ފިޠުރުޒަކާތް ދެއްކުމުން ފުދުނީ ކަމަށާއި، އަނެއް ބަޔަކު ދެކޭގޮތުގައި ތިމާއަކީ ބޮޑު ވިޔަފާރިވެރިއަކަށް ނުވާތީ، ތިމާ ޒަކާތް ދައްކާކަށް ނުޖެހޭނެ ކަމަށެވެ. އަދި މުދަލުޒަކާތް، ދައުލަތަށް ދެއްކުމަށް ދެކޮޅުހަދާ ބަޔަކު ވެސް އުޅޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
ޚުތުބާގައި ބުނީ ޒަކާތުގެ ހަރުދަނާ ނިޒާމެއް ގާއިމުކުރެވިއްޖެނަމަ، އާމްދަނީ ހޯދޭނެ މަގުތައް ތަނަވަސްވެ، އުފެއްދުންތެރިކަމުގެ މިންވަރު އިތުރުވާނެވާނެ ކަމަށާއި ފަގީރުކަމުގެ ހާލަތަކީ އަގީދާގެ ގޮތުންނާއި، ފިކުރުގެ ގޮތުންވެސް އިންސާނާގެ ނަފުސު އަޅުވެތިކޮށްލާ ކަމެއް ކަމަށާއި، އަބުރުވެރި އިންސާނަކު، އޭނާއާ ކުރިމަތިވާން އެދޭނެ ހާލަތެއް ނޫން ކަމަށެވެ.
ނަމަވެސް، މީހަކަށް ކުރިމަތިވާ ކަމެއްގެ ސަބަބުން އޭނާގެ ގައިބާރު ދެރަވެ، ދިރިއުޅުމުގެ ޒަރޫރީ ކަންކަން ފުއްދޭނެ ގޮތެއް ނެތި، އަނެކުންގެ އެހީތެރިކަމަށް އެދެން ޖެހިދާނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. ކޮންމެ ކޮންމެ މީހަކު މިފަދަ މީހަކަށް އެހީތެރިވެ އޭނާގެ ބޭނުންތައް ފުއްދައި ނުދީފާނެކަން ފާހަގަކޮށް ޚުތުބާގައި ބުނީ އިސްލާމްދީނުގައި ޝަރުއުކުރައްވާފައިވާ ޒަކާތުގެ ދައުރު ޖެހެނީ މި ހިސާބުން ކަމަށާއި، ޒަކާތް ފަރުޟުކުރެއްވީ މުއްސަނދިންގެ މުދަލުން އެ ނަގައި، އޭގެ ހައްގުވެރިންނަށް އަދާކޮށް ދިނުމަށްޓަކައި ކަމަށެވެ.
އިސްލާމްދީނުގައި ޒަކާތް ފަރުޟުކުރެއްވީ، ހަމައެކަނި ފަގީރު މީހާގެ ޙާޖަތްތަކަށް ވަގުތީ ހައްލެއް ހޯދައިދިނުމަށްފަހު އޭނާ މުޖުތަމައުގެ ތެރެއަށް ދޫކޮށްލުމުގެ މަގުސަދުގައި ނޫންކަން ފާހަގަކޮށް ޚުތުބާގައި ބުނީ ޒަކާތުގެ ނިޒާމަކީ މުޅި މުޖުތަމައުން ފަގީރުކަން ނައްތައިލުން ކަށަވަރުކޮށްދޭ ނިޒާމެއް ކަމަށެވެ. އިލްމުވެރިން ވިދާޅުވާ ގޮތުގައި ޒަކާތުގެ މަގުސަދަކީ އޭގެ ހައްގުވެރިންނަށް ދާއިމީ ފުދުންތެރިކަމެއް ހޯދައިދިނުން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.









