Search Streamline Icon: https://streamlinehq.com

ރައީސް އޮފީހަށް ފޯނު ހިފައިގެން ނޫސްވެރީންނަށް ނުވަދެވުނުކަމަށް ބުނެ ފަތުރަނީ ދޮގު ޚަބަރެއް: ހީނާ

Press

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް ފޯނު ނުވެއްދޭ ކަމަށް ބުނެ ދެކެވޭ ވާހަކަތައް ސަރުކާރުން ދޮގުކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސް ޕަރސަން ހީނާ ވަލީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި ބައިވެރިވާން އައި ނޫސްވެރީންނަށް ފޯނު ހިފައިގެން ރައީސް އޮފީހަށް ނުވަދެވުނުކަމަށް ބުނެ ބައެއް މީޑިއާތަކާއި ނޫސްވެރިންގެ ޖަމިއްޔާތަކުން ރިޕޯޓްކުރަމުން ދަނީ ދޮގު ޚަބަރެއް ކަމުގަ އެވެ. އެގޮތުން، މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި ވެސް ހުރިހާ ނޫސްވެރީންވެސް ބައިވެރިވީ ފޯނާއި އެކުގައި ކަމަށް ވަނީ ބަޔާންކުރައްވާފަ އެވެ.

މި ނޫސްވެރީންގެ ބައްދަލުވުމަށް ފޯނު ހިފައިގެން ވަދެ ތިބުމަށްފަހު، ކަން ހިނގާފައިވާގޮތުގެ ހަގީގަތް އޮޅޭގޮތަށް ބައެއް މީޑިއާތަކުން ޚަބަރުފަތުރަމުން ދިއުމަކީ ޒިންމާދާރުކަމެއް ނޫންކަމަށް ހީނާ ވިދާޅުވި އެވެ.

ހީނާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކިއުރިޓީ ޕްރޮޓޮކޯލްގައި ޢަމަލުކުރަމުންދާ ޢާއްމު އުސޫލަކީ އެކި ބައްދަލުވުންތަކަށް ވަޑައިގަންނަވާ ބޭފުޅުން، އެއީ ސަރުކާރުގެ ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންކަމުގައި ވިޔަސް ސެކިއުރިޓީއާ ފޯނު ހަވާލުކުރުން ކަމުގަ އެވެ. ނަމަވެސް ކުރިއަށްއޮތްތަނުގައިވެސް ނޫސްވެރީންގެ ބައްދަލުވުންތަކަށް ރައީސް އޮފީހަށްދާ ނޫސްވެރީންނަށް ފޯނާއެކު ބައްދަލުވުމުގައި ބައިވެރިވެވޭނެ އިންތިޒާމު ރައީސް އޮފީހުގެ ސެކިއުރިޓީ ޕްރޮޓޮކޯލުން ހަމަޖައްސައިދޭނެ ކަމަށް ހީނާ ވިދާޅުވި އެވެ.

ނޫސްވެރީންގެ މަސައްކަތްތަކަށް ފަހިވެ ފަސޭހަވާނެގޮތަށް ކަންކަން ހަމަޖައްސައިދެމުން ގެންދިއުމަށް އަބަދުވެސް ސަރުކާރުން މަސައްކަތްކުރާނެކަމުގެ ފުރިހަމަ ޔަގީންކަންވެސް ހީނާ ވަނީ ދެއްވާފައެވެ.

ގުޅޭ ޓެގް:

1 ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *