މިހާރު މިއޮތް ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ މި ސަރުކާރުން ވަޒީފާގައި ހުރި އެއްވެސް މީހަކަށް ބިރު ދައްކާ، ނުފޫޒު ފޯރުވާފައި ނޯންނާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އެޑްވައިޒަރު އަދި، ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަޙީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އިންތިޚާބަށް ނުފޫޒު ފޯރުވަން ސަރުކާރުން ވަޒީފާތައް ބެހި ކަމަށް އިދިކޮޅު ފަރާތްތަކުން ކުރާ ތުހުމަތުތަކަށް ރައްދުދެއްވާ ރާއްޖޭގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި އަބްދުއްރަޙީމް ވިދާޅުވީ މަޖިލީސް އިންތިޚާބު ކުރިމަތިވީ ސަރުކާރަށް ހަތަރު މަހުގައި ކަމަށާއި އެހެންވެ، ސަރުކާރު އެކުލަވައިލަން އަލަށް ނަގަންޖެހުނު ވަޒީފާތަކަށް މީހުން ނެގީ ކަމަށާއި އެއީ، އިންތިޚާބަށް ނުފޫޒު ފޯރުވުން ނޫން ކަމަށެވެ. އަދި މި ސަރުކާރުން ވަޒީފާގައި ހުރި އެއްވެސް މީހަކަށް ބިރު ދައްކާ، ނުފޫޒު ފޯރުވާފައި ނޯންނާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ ވަޒީފާ ދީފައި ހުންނާނެކަމަށާއި ވަޒީފާ ދޭން ދިމާވި އެންމެ ބޮޑު ސަބަބަކީ ވެރިކަމާ ހަވާލުވެ، ހަތަރު މަސް ދުވަސް ތެރޭގައި އިންތިޚާބެއް އައުމާއި ގުޅިގެން މި ސަރުކާރުގެ ސިޔާސަތު ގަބޫލުކުރާ ބަޔަކަށް ވަޒީފާ ދޭން ޖެހޭތީކަމަށެވެ.
”ވަޒީފާ ދީފައި ހުންނާނެ. ވަޒީފާ ދޭން ދިމާވި އެންމެ ބޮޑު ސަބަބަކީ އަޅުގަނޑުމެން ވެރިކަމާ ހަވާލުވެ، ހަތަރު މަސް ދުވަސް ތެރޭގައި އިންތިޚާބެއް މި އައީ. އެހެންވީމާ އެބަ ޖެހޭތާ އަޅުގަނޑުމެންގެ ސިޔާސަތު ގަބޫލުކުރާ ބަޔަކަށް ވެސް ވަޒީފާ ދޭން،“ އޭނާ ވިދާޅުވިއެވެ.
އަބްދުއްރަހީ،މް އިތުރަށް ވިދާޅުވީ އިންތިޚާބެއް ކުރިމަތިވުމަކީ ރައްޔިތުންނަށް ދޭންޖެހޭ ވަޒީފާ ދިނުމަށް އޮތް ހުރަހެއް ކަމަކަށް ގަބޫލު ނުކުރައްވާކަމަށާއި ނަމަވެސް އިންތިޚާބަށް ނުފޫޒުފޯރުވުމުގެ ގޮތުން މި ސަރުކާރުން އެއްވެސް މުވައްޒަފަކު ވަކި ކޮށްފައެއް ނޯންނާނެކަމަށް ފަހުރުވެރިކަމާ އެކީގައި ދަންނަވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެއްވެސް ވަޒީފާއެއްގައި، އެއްވެސް މަގާމެއްގައި ހުރި މުވައްޒަފަކަށް ބިރު ދައްކާ، އެ މީހުން މަގާމު ދަށްކޮށް، އެ ކަހަލަ އެއްވެސް ކަމެއް ކޮށްފަ ނުވާނޭކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.









