ރާއްޖެއިން އެކި ގައުމުތަކަށާއި، ބައިނަލްއަގްވާމީ އިދާރާތަކަށް ކަނޑައަޅަން، ސަރުކާރުން ރައްޔިތުންގެ މަޖީލަހަށް ފޮނުވި އަށް ސަފީރުންގެ ނަން ފާސްކޮށް ރުހުން ދީފިއެވެ.
ރައީސުލްޖުމްހޫރިއްޔާ، ސަފީރު ކަމަށް އައްޔަންކުރަން މިހާތަނަށް ފޮނުއްވާފައިވާ ހުރިހާ ބޭފުޅުން ރުހުން ދިނުމުގެ މައްސަލަ ކޮމިޓީ މަރުހަލާގައި ގިނަ ދުވަސްތަކެއް ވަންދެން އޮތުމަށް ފަހު، ކޮމިޓީން ފާސްކޮށް ތަޅުމަށް ފޮނުވީ މިދިޔަ މި މަހުގެ 23 ގައެވެ.
މިއަދުގެ ޖަލްސާގައި ރުހުން ދިން ސަފީރުންނަކީ:
- ރާއްޖެއިން ޔޫއޭއީއަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރުކަމަށް މުޙައްމަދު ހުސައިން ޝަރީފް (މުންދު)
- އދ.ގެ ދާއިމީ މަންދޫބުކަމަށް ޑރ. އަލީ ނަސީރު
- ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅާ ސަފީރުކަމަށް ޑރ. އިރުތިޝާމް އާދަމް
- ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅާ ސަފީރުކަމަށް މަސްއޫދު އިމާދު
- ރާއްޖެއިން މެލޭޝިއާއަށް ކަނޑައަޅާ ސަފީރުކަމަށް ޑރ. މަރިޔަމް ޝަބީނާ
- ރާއްޖެއިން ބެލްޖިއަމަށާއި، ޔޫރޮޕިއަން ޔޫނިއަން ސަފީރުކަމަށް ގީލާ އަލީ
- ރާއްޖެއިން ޖެނީވާގައި ހުންނަ އދ. އޮފީހުގެ ދާއިމީ މަންދޫބުކަމަށް ޑރ. ސަލްމާ ރަޝީދު
- ރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅާ ސަފީރުކަމަށް މުޙައްމަދު ލުވެއިޒް
ޔޫއޭއީގެ ސަފީރުުކަމަށް އައްޔަންކުރައްވާފައިވާ މުޙައްމަދު ޙުސައިން ޝަރީފް މުންދު ވަނީ، ރައީސް ޑރ. މުޙައްމަދު ވަޙީދު ސަރުކާރުގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު ކަމާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރައީސް އޮފީހުގެ މިނިސްޓަރު ކަމުގެ އިތުރުން ޖަޕާނުގައި ހުންނަވާ ދިވެހި ސަފީރުކަން ވެސް ކުރައްވައިފައެވެ.
އިނގިރޭސި ވިލާތުގައި ހުންނަވާ ދިވެހި ސަފީރަކަށް އައްޔަނުކުރައްވަން ނިންމަވާފައިވާ ޑރ. އިރުތިޝާމް އާދަމަކީ ޚާރިޖީ ދާއިރާގައި ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައިވާ އަދި ކުރީގެ ޔޫތު މިނިސްޓަރުގެ މަޤާމު އަދާކުރެއްވި ބޭފުޅެކެވެ.
މި އަށް ބޭފުޅުންނަށް ރުހުން ދެއްވާފައިވާއިރު، ޗައިނާގައި ހުންނަވާ ރާއްޖޭގެ ސަފީރަކަށް ޑރ. ފަޒީލް ނަޖީބު އަދި ބަންގްލަދޭޝްގައި ހުންނަވާ ދިވެހި ސަފީރަކަށް ޝިއުނީން ރަޝީދު އައްޔަނުކުރުމަށް ރުހުން ދިނުން ވެސް ކޮމިޓީން އަންނަނީ ދިރާސާކުރަމުންނެވެ.









