މަސައްކަތްތެރީންގެ ރެޔާދުވާލުގެ ހިންމަތާ ނުލައި، މި ގައުމުގެ ކުރިމަގަށްޓަކައި ކުރާ އެއްވެސް އުންމީދެއް ހަގީގަތަކަށް ނުވާނެކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ބައިނަލްއަގްމާވީ ގޮތުން މިއަދު ފާހަގަކުރާ ދުނިޔޭގެ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތޯބުގައި ރައީސް މުއިއްޒު ވަނީ ރާއްޖެއަށް މަންފާ ލިބޭ އެކި ދާއިރާތަކުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި މަސައްކަތްކޮށްދެއްވަމުން ގެންދަވާ ހުރިހާ ދޭސީންނަށާއި ބިދޭސީންނަށް ހިތްވަރާއި، މަރްހްބާ އާއި ޝުކުރު އަދާކުރައްވާފައެވެ.
ރައީސް ވިދާޅުވީ ދިވެހިރާއްޖޭގެ ތަރައްގީއަށާއި އެކި ދާއިރާތަކުން ގައުމަށް ލިބެމުންދާ ކުރިއެރުމުގެ އެންމެ ބޮޑެތި ހިއްސާދާރުންނަކީ، އެއްވެސް ޝައްކެއް ނެތްގޮތުގައި ހީވާގި މަސައްކަތްތެރީންކަމަށާއި މަސައްކަތްތެރީންގެ ރެޔާދުވާލުގެ ހިންމަތާ ނުލައި، މި ގައުމުގެ ކުރިމަގަށްޓަކައި ކުރާ އެއްވެސް އުންމީދެއް ހަގީގަތަކަށް ނުވާނެކަމަށެވެ.
ރައީސް ވިދާޅުވީ މަސައްކަތްތެރިކަން އުނގަންނައިދިނުމާއި، އެކި ދާއިރާތަކުން މީހުން ތަމްރީނުކުރުމަށް މި ސަރުކާރުން އިސްކަންދޭނެ ކަމަށާއި ގައުމަށް މަންފާހުރި މަސައްކަތްތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރެވޭނެ މަގުން ސިޔާސަތު ބައްޓަން ކުރައްވާނެ ކަމަށެވެ. ޑޭކެއާ ސެންޓަރުތައް ފަދަ ހިދުމަތްތައް ގާއިމުކޮށް، އާއިލާތަކުން ފުދުންތެރިކަން އިތުރުކުރުމަށް ފަސޭހަކޮށް ދެއްވާނެ ކަމަށް ވިދާޅުވިއެވެ.
ސަރުކާރުގެ އެކި ހިދުމަތްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރަ ބޮޑުކޮށްދީ އިނާޔަތްތައް އިތުރުކޮށްދޭން މިހާރު ފަށާފައިވާ ކަމަށާއި ގައުމުގެ އިގްތިސާދުގައި ބުންވަރު ޖެހެމުން ދިޔަ މިންވަރަކުން ސަރުކާރު މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދެމުން ދިޔުމަކީ ހަމައެކަނި ހައްލެއް ނޫން ކަމަށް ވިދާޅުވިއެވެ.
ސަރުކާރު މުވައްޒަފުންގެ އިތުރުން، އަމިއްލަ އެކި ވަޒީފާތަކުގައި އެކި ދާއިރާތަކުގައި ހިދުމަތްކުރާ މަސައްކަތްތެރީންނަށްވެސް ބޯހިޔާވަހިކަމުގެ ހާއްސަ ސްކީމްތައް ތައާރަފްކުރުން މުހިންމު ކަމަށް ވިދާޅުވިއެވެ.
“މަސައްކަތުގެ މާޙައުލުގެ ރައްކައުތެރިކަމަށް ކުރަން ޖެހޭ ކަންކަމަށް އިސްކަން ދިނުން މުހިންމެވެ. އަދި މަސައްކަތްތަކުގައި ކުރިއަށް ދިޔުމަށް ބޭނުންވާނެ ލުއި ލޯން ސްކީމްތަކާއި، އާމްދަނީ ލިބޭނެ ބާޒާރުތައް ހޯދައިދިނުންވެސް މުހިންމެވެ. މި ކަންކަން ސަރުކާރުން މިހާރު ވަނީ ފަށައިގެންފައެވެ“ ރައީސް އޮފީހުގައި ޝާއިއުކޮށްފައިވާ ރައީސްގެ ހިތޯބުގައި ވިދާޅުވިއެވެ.









