މަސައްކަތުގެ މާޙައުލުގެ ރައްކައުތެރިކަމަށް ކުރަން ޖެހޭ ކަންކަމަށް އިސްކަން ދީ އެކަންކަމަށް ސަމާލުކަން ދިނުމަކީ ކޮންމެހެންވެސް މުހިންމުކަމެއް ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ބައިނަލްއަގްމާވީ ގޮތުން މިއަދު ފާހަގަކުރާ ދުނިޔޭގެ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތޯބުގައި ރައީސް މުއިއްޒު ވިދާޅުވީ މަސައްކަތުގެ މާޙައުލުގެ ރައްކައުތެރިކަމަށް ކުރަން ޖެހޭ ކަންކަމަށް އިސްކަން ދިނުން މުހިންމުކަމަށާއި އަދި މަސައްކަތްތަކުގައި ކުރިއަށް ދިޔުމަށް ބޭނުންވާނެ ލުއި ލޯން ސްކީމްތަކާއި، އާމްދަނީ ލިބޭނެ ބާޒާރުތައް ހޯދައިދިނުންވެސް މުހިންމުކަމަށެވެ. އަދި މި ކަންކަން ސަރުކާރުން މިހާރު ފަށާފައިވާކަމަށް ވެސް ރައީސް އޮފީހުގައި ޝާއިއުކޮށްފައިވާ ރައީސްގެ ހިތޯބުގައި ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރުގެ އެކި ހިދުމަތްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރަ ބޮޑުކޮށްދީ އިނާޔަތްތައް އިތުރުކޮށްދޭން މިހާރު ފަށާފައިވާ ކަމަށާއި ގައުމުގެ އިގްތިސާދުގައި ބުންވަރު ޖެހެމުން ދިޔަ މިންވަރަކުން ސަރުކާރު މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދެމުން ދިޔުމަކީ ހަމައެކަނި ހައްލެއް ނޫން ކަމަށެވެ. ސަރުކާރު މުވައްޒަފުންގެ އިތުރުން، އަމިއްލަ އެކި ވަޒީފާތަކުގައި އެކި ދާއިރާތަކުގައި ހިދުމަތްކުރާ މަސައްކަތްތެރީންނަށްވެސް ބޯހިޔާވަހިކަމުގެ ހާއްސަ ސްކީމްތައް ތައާރަފްކުރުން މުހިންމު ކަމަށް ރައީސް ވިދާޅުވިއެވެ.
އާމްދަނީ ހޯދުމަށް މަސައްކަތްކުރުމުގެ ފުރުސަތު، ދިވެހީންނަށް އިތުރަށް ފަހިކޮށްދިނުމަށްޓަކައި ރާއްޖޭގައި ދިވެހީންނަށް ނޫނީ ވަޒީފާ އަދާނުކުރެވޭނެ 22 ދާއިރާއެއް ސަރުކާރުން ވަނީ ކަނޑައަޅައިފައެވެ. އަދި ރާއްޖޭގައި ގަވާއިދާ ހިލާފަށް ވަޒީފާ އަދާކޮށް، ވިޔަފާރިކުރަމުންދާ ބޭރު މީހުންނަށް އެ މަގުތައް ބަންދުކޮށް، އެފަދަ ބޭރުމީހުން 48 ގަޑިއިރުގެ ތެރޭގައި ޑީޕޯޓްކުރަން މިހާރު ފަށައިގެންފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
އަޅައިނުލައި ހައްލެއް ނުހޯދައި އެތައް އަހަރެއްވެފައިވާ މިފަދަ ކަންކަން މުޅީން ހައްލުކުރެވޭނީ ގިނަދުވަހުން، ހުއްޓުމެއްނެތި ބެލެހެއްޓުމާއެކު، ގާނޫނު ތަންފީޒުކުރުން ދަމަހައްޓައިގެން ކަމަށް އެމނިކުފާނު ވިދާޅުވިއެވެ.









