މި މަހު 28 ގައި ވިހިވަނަ މަޖިލީހުގެ މެންބަރުން ހުވާކުރެއްވުމަށް ފަހުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ މިދިޔަ 19 ވަނަ މަޖިލީހުގައި ނުކޮށް ދޫކޮށްލި ކަންކަން ކުރުމަށް ކަމަށާއި އޭގެ ތެރޭގައި، ރުހުން ނުދީ ތިބި ތިން ވަޒީރުންނަށް ރުހުން ދިނުން އެންމެ އިސްކަމެއްގެ ގޮތުގައި އޮންނާނެކަން ޕީއެންސީގެ ޗެއާޕާސަން އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޙާއްސަ އެޑްވައިޒަރު އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ އޮންލައިން ނޫހެއްކަމުގައިވާ ސަންއަށް ދެއްވި ޚާއްސައިންޓަވިއެއްގައި ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ މި މަހު 28 ގައި ވިހިވަނަ މަޖިލީހުގެ މެންބަރުން ހުވާކުރެއްވުމަށް ފަހުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ މިދިޔަ 19 ވަނަ މަޖިލީހުގައި ނުކޮށް ދޫކޮށްލި ކަންކަން ކުރުމަށް ކަމަށާއި އޭގެ ތެރޭގައި، އެންމެ ބޮޑު އިސްކަމެއް ދޭނީ މިހާރު މިއޮތް މަޖިލީހުން ރުހުން ނުދީ ތިބި ތިން ވަޒީރުންނަށް ރުހުން ދިނުން ކަމަށެވެ.
މި ސަރުކާރަށް އައްޔަންކުރި، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި، ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރާއި ބަންޑާރަނައިބު އަހުމަދު އުޝާމަށް އަދިވެސް މަޖިލީހުން ރުހުން ދީފައެއް ނުވެއެވެ.
ފުރަތަމަ ފަހަރަށް އައްޔަންކުރުމުން އެ ތިން ވަޒީރުންނަށް ރުހުން ނުލިބުމުން ރައީސް މުއިއްޒު ވަނީ އެ ތިން ބޭފުޅުން އަލުން އަނެއްކާ ވެސް މަގާމަށް އައްޔަންކުރައްވާފައެވެ. ދެވަނަ ފަހަރަށް މަގާމަށް އައްޔަންކުރުމުން ރުހުންދިނުމާ މެދު މަޖިލީހަށް މިހާތަނަށް ގޮތެއް ކަނޑައަޅާފައެއް ނުވެއެވެ.
ގާނޫނުއަސާސީ ބުނާ ގޮތުން ވަޒީރުންގެ މަޖިލީހަށް އައްޔަންކުރާ ބޭފުޅުންނަށް މަޖިލީހުން ރުހުން ލިބެންޖެހޭނެއެވެ.
މީގެ އިތުރުން މި ސަރުކާރަށް ސުޕަމެޖޯރިޓީ ލިބުމާއި ގުޅިގެން ސަރުކާރު ޖަވާބުދާރީ ކުރުވަން އޮތް ހުރަހެއް ކަމަށް ބުނެ ބައެއް ބޭބޭފުޅުން ކަންބޮޑުވުން ފާޅުކުރަައްވަމުން ގެންދަވާއިރު، މިކަމަށް ރައްދުދެއްވާ އަބްދުއްރަހީމް ވިދާޅުވީ ވިހިވަނަ މަޖިލީސް ވެގެންދާނީ މިހާތަނަށް ފެންނަ އެންމެ މަސައްކަތްތެރި އެންމެ ހިންގުންތެރި މަޖިލީހަށް ކަމަށާއި އަދި ސުޕަމެޖޯރިޓީ ސަރުކާރަށް ލިބުމަކީ ސަރުކާރު ޖަވާބުދާރީ ކުރުވަން އޮތް ހުރަހެއް ނޫންކަމަށެވެ. އަދި އެއީ ލިބޭ ފަސޭހައެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
”އަޅުގަނޑު އެއްގޮތަކަށް ވެސް ނުދެކެން ސަރުކާރުގެ މެޖޯރިޓީ [މަޖިލީހުގައި] އޮތުން އެއީ ސަރުކާރު ޖަވާބުދާރީކުރުވަން އޮތް ހުރަހެއް ކަމަކަށް. އަޅުގަނޑަށް ގަބޫލުކުރެވެނީ ޖަވާބުދާރީ ކުރުވައި ކަންކަން ހަމަމަގަށް އަޅުވަން އޮތް ފަސޭހައެއް ކަމަށް އެއީ،“ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޙާއްސަ އެޑްވައިޒަރުކަން ވެސް ކުރައްވާ އަބްދުއްރަޙީމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ސަރުކާރު ތެރޭގައި ހުންނަ ކަންކަން މަޝްވަރާގެ އުސޫލުގެ މަތިން ހައްލު ކުރަން ޕީއެންސީއަށް މާ ފަސޭހަވާނެ ކަމަށެވެ. އަދި ރައްޔިތުން މި ސަރުކާރަށް މެޖޯރިޓީ ދިނީ ވަރަށް ވިސްނާފައިކަމަށް ވެސް އޭނާ ވިދާޅުވިއެވެ.









