މިހާރު ފަލަސްތީނުގެ ރަފާހުން ފެނިގެންދާ އެތަނުގެ މުސްލުމުން އަމިއްލަ ގެދޮރު ދޫކޮށް ދާން ޖެހުމާއި މީހުން ޝަހީދުކުރުމަކީ މާޔޫސްވާ މަންޒަރެއް ކަމަށާއި، ޔަހޫދީންގެ އަތުން ޣައްޒާ ހަލާކުވެގެން ދާއިރު ބައިނަލްއަޤުވާމީ މުޖުތަމައުތަކުން ހިމޭނުން ތިބެގެން ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދެކުނު އެފްރިކާއިން އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް އައިސީޖޭއަށް ހުށަހަޅާފައިވާ ހުށަހެޅުމަށް ދިވެހިރާއްޖެއިން ތާއީދުކުރާކަން ހާމަކުރެއްވުމުގެ ގޮތުން އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މިހާރު ފަލަސްތީނުގެ ރަފާހުން ފެނިގެންދާ އެތަނުގެ މުސްލުމުން އަމިއްލަ ގެދޮރު ދޫކޮށް ދާން ޖެހުމާއި މީހުން ޝަހީދުކުރުމަކީ މާޔޫސްވާ މަންޒަރެއް ކަމަށާއި، ޔަހޫދީންގެ އަތުން ޣައްޒާ ހަލާކުވެގެން ދާއިރު ބައިނަލްއަޤުވާމީ މުޖުތަމައުތަކުން ހިމޭނުން ތިބެގެން ނުވާނެ ކަމަށެވެ.
ރައީސް ޑރ.މުޢިއްޒު ވިދާޅުވީ، ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ހައްދު ފަހަނަ އަޅާފައިވާ ޔަހޫދީން ހިންގާ ޖަރީމާތައް ހުއްޓާލާއި، ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ތަބާވާންޖެހޭކަމަށާއި އަދި އެކަމާއި ދެކޮޅަށް އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސްއިން މިހާރުން މިހާރަށް ފިޔަވަޅު އަޅަންޖެހޭކަމަށެވެ.
އެއާއިއެކު ޔަހޫދީންނާއި ދެކޮޅަށް އިތުރު ފިޔަވަޅުތައް އެޅުމަށް ދެކުނު އެފްރިކާއިން އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް އައިސީޖޭއަށް ހުށަހަޅާފައިވާ ހުށަހެޅުމަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތާއީދުކުރާކަން ރައީސް ޑރ.މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ.
ރައީސް ޑރ.މުޢިއްޒު އިތުރަށް ވިދާޅުވީ، ރާއްޖޭގެ ރައްޔިތުން އަބަދުވެސް ތިބޭނީ ފަލަސްޠީނުގެ ރައްޔިތުންނާއެކު ކަމަށާއި 1967 ގައި ބޯޑަރުތައް އޮތް ފަދައިން ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި އެޤައުމުގެ ރައްޔިތުން ކުރަމުންދާ މަސައްކަތުގައި ދިވެހިން އަބަދުވެސް ސާބިތުވެ ތިބޭނެކަމަށެވެ. އަދި ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ކަނޑައެޅި، އެ ޤައުމުގެ މުސްލިމް އަޚުންނާއި އުޚްތުން އަމާންކަމާއި މިނިވަންކަމާއެކު ދިރިއުޅޭ ދުވަހެއް އަންނަންދެން ވަރުބަލި ކަމެއް ނެތި އެމީހުންގެ ހައްގުގައި އަޑު އުފުލާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރަފާހް އަށް ޔަހޫދީން އަރައިގަނެފައިވާއިރު، އެ ހިސާބުގައި ބޯހިޔާވަހިކަން ހޯދަމުންދާ 1.4 މިލިއަން މީހުން އެބަތިއްބެވެ.
މިދިޔަ އަހަރުގެ އޮކްޓޫވަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުން ޣައްޒާ އަށް ދެމުންއަންނަ ހަމަލާގެ ސަބަބުން މިހާތަނަށް ޝަހީދުކޮށްލި މީހުންގެ އަދަދު 35,091 އަށް އަރާފައިވާއިރު، 78,827 މީހުން ވަނީ ޒަހަމް ކޮށްލާފައެވެ.









