ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދެއްވުމަށް އެމްއެންޑީއެފް އިން އިލްތިމާސް ކުރައްވައިފި އެވެ.
އެމްއެންޑީއެފް އިން ހާމަކުރެއްވި ގޮތުގައި މޫސުމާ ބެހޭ ޤައުމީ އިދާރާއިން، ކުރިއަށް އޮތް ތިން ދުވަހަށް، ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނޭކަމަށް ލަފާކޮށް، ރާއްޖޭގެ ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފައިވާތީ، އަދި ޚާއްޞަކޮށް މުޅި ރާއްޖެއަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްފައިވާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދެއްވުމަށްވެސް އެމްއެންޑީއެފް އިން ވަނީ އިލްތިމާސް ކުރައްވާފަ އެވެ.
ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތަކުން ވެސް، ދަތުރުކުރައްވާއިރު މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ އިލްތިމާސްކުރައްވާފަ އެވެ. އަދި، ރޭގަނޑު ދަތުރު ނުކުރުމަށާއި، މޫސުން ތަން ނުދޭނަމަ މޫސުން ރަނގަޅު ވާންދެކަށް ދަތުުރު ފަސްކޮށްލުމަށް ވެސް އެމްއެންޑީއެފް ކޯސްޓްގާޑުން އިލްތިމާސްކުރައްވަ އެވެ.
ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވާނެކަމަށް ބެލެވޭތީ، ކުރިއަށް އޮތް 5 ދުވަހު ރާއްޖެ ސަރަހައްދަށް އާންމުކޮށް ވައިބާރުވެ ކަނޑުތައް ވަރަށް ގަދަވެ، ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 50 މޭލާ ދެމެދު ވައިބާރުވާނެކަމަށާއި ދިޔަވަރު ބޮޑުވާ ވަގުތު ތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން މައުލޫމާތުދެއްވަ އެވެ.
ފާއިތުވި ހަފްތާގައިވެސް ރާއްޖޭގެ ބައެއްް ރަށްރަށަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ޢާންމު ރައްޔިތުންގެ މުދަލާއި ގެދޮރަށް ވަނީ ބައެއް ގެއްލުން ލިބިފައެވެ. އެހެންކަމުން މި ވިއްސާރައިގާވެސް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށް ތައްޔާރުމުމަކީ ވަރަށް މުހިންމު ކަމެކެވެ.
ރާއްޖެއަށް މިހާރު ކުރަމުން ދާ ގަދަ ވިއްސާރައިގައި އެކި ރަށްރަށަށް މިހާރުވެސް އެކި ވަރުގެ ގެއްލުންތައް ވަނީ ލިބިފަ އެވެ. އެހެންކަމުން އެމްއެންޑީއެފްގެ އިތުރުން މޫސުމާ ބެހޭ ޤައުމީ އިދާރާއިންވެސް ވަނީ، މޫސުމަށް ސަމާލުވެ ރައްކާތެރިވެ ތިބުމަށް އިލްތިމާސް ކުރައްވާފައެވެ.









