ހަތަރު މީހުންނާއެކު ދަތުރުކުރަމުން ދަނިކޮށް ގެއްލުނު މުދާއުފުލާ ދޯނި އަދިވެސް ނުފެންނަ ކަމަށާއި އެދޯނި ހޯދުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރައްވަމުން ގެންދަވާއިރު ބޮޑު ސަރަހައްދެއް ބަލާފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެ އެވެ.
އެމްއެންޑީއެފުން ވިދާޅުވިގޮތުގައި ތިލަފުށިން ފުރައިގެން މ އަތޮޅު މެދުފުށި އައިލެންޑް ރިސޯޓަށް ދަތުރުކުރަމުން ދަނިކޮށް ޚަބަރުނުވެގެން ހޯދަމުންދަނީ ”AAA-37“ ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެކެވެ. މިމަހު 17ވީ ހުކުރު ދުވަހު ހެނދުނު 6:00 ހާއިރު ތިލަފުށިން ފުރާފައިވާ މުދާއުފުލާ ދޯނީގެ ޚަބަރެއް ނުވެގެން އެކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިލައްވާފައިވަނީ މިމަހުގެ 17 ވަނަދުވަހު ހަވީރު 17:20 ހާއިރެ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.
އެމްއެންޑީފުން ހާމަކުރައްވާ ގޮތުގައި އެ ދޯނި ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ ކޯސްޓުގާޑުން އަންނަނީ އަދިވެސް ހަރަކާތްތެރިވަމުންނެވެ.
އެމްއެންޑީއެފުން ހޯދަމުން ދާ މި ދޯނިން ދަތުރުކުރީ ބަންގްލަދޭޝް ތިން މީހުންނާއި ދިވެއްސަކު ހިމެނޭހެން ޖުމްލަ 4 މީހުން ކަމަށްވެސް އެމްއެންޑީއެފުން މައުލުމާތު ދެއްވައެވެ.
އެމްއެންޑީއެފުން ވިދާޅުވި ގޮތުގައި އިއްޔެގެ ނިޔަލަށް ކަނޑާއި ވައިގެ މަގުން މ. ރަތްމަންދޫގެ އިރުމަތީ ބިތުން ބޮޑު ސަރަހައްދެއް ވަނީ ބަލާފަ އެވެ. އެގޮތުން، ކަނޑާއި ވައިގެ މަގުން 4519 ސްކޮޔަރ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށްވެސް އެމްއެންޑީފުން ވިދާޅުވިއެވެ.
މި ދޯންޏާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަމްބަރު 191 ގުޅައި މަޢުލޫމާތު ހިއްސާކުރެއްވުމަށް އެމްއެންޑީއެފް ކޯސްޓްގާޑުންވަނީ އެދިލައްވާފަ އެވެ.









