ރައީސުލްޖުމްހޫރިއްރާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ސަރުކާރުގެ މަޤާމުތަކަށް ގެންނަވާ ބަދަލުތަކަކީ އެމަނިކުފާނު ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދާއެއްގޮތަށް މަސައްކަތް ކުރެއްވުމައްޓަކައި ގެންނަވާ ބަދަލުތަކެއް ކަމުގައި، ހައްދުންމަތި ފޮނަދޫ ދާއިރާގެ އިންތިޚާބީ މެމްބަރު އަދި ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް، ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ބައެއް މަޤާމުތަކުގައި ތިބެއްވި ބައެއް ބޭފުޅުން ނިމިދިޔަ މިހަފްތާގެ ތެރޭގައި މަޤާމުތަކުން ވަކިކުރެއްވުމާއި އަދި ބައެއް ބޭފުޅުން މަޤާމުން އިސްތިއުފާ ދެއްވާފައިވާތީ އެކަމާއި ގުޅިގެން ޕީއެސްއެމް ރާއްޖެ މިއަދު ޕްރޮގުރާމުން ދެންނެވި ސުވާލެއްގެ ޖަވާބުގައި އެމަނިކުފާނު ވިދާޅުވީ ސަރުކާރަށް ރައީސް ޑރ. މުޢިއްޒު ގެންނަވާ ބަދަލުތަކަކީ އެމަނިކުފާނު ރައްޔިތުންނަށް ވީވަޢުދާއެއްގޮތަށް މަސައްކަތް ކުރެއްވުމައްޓަކައި ގެންނަވާ ބަދަލުތަކެއް ކަމުގަ އެވެ.
”އެމަނިކުފާނު ވިދާޅުވެފަ އޮންނާނެ އެމަނިކުފާނާ އެއްކޮށް މަސައްކަތް ކުރެވޭނީ 24 ގަޑިއިރުވެސް މަސައްކަތުގަ އުޅޭވޭ ބޭފުޅުންނަށޭ. ހަމަ އެއާއެކު ގެންނަވަންޖެހޭ ބަދަލުތައް ގެންނަވަން އެމަނިކުފާނު ފަސްޖެހިވަޑައިނުގަންނަވާނެ. އޭގެ ސަބަބުން ސަރުކާރާށް އެއްވެސް ހީނަރުކަމެއް ނާދޭ.“ އަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވި އެވެ.
މިމަހު 28 ވަނަ ދުވަހު ހުވާކުރުމަށް ހަމަޖެހިފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަޤާމަށް އައްޔަން ކުރެއްވުމަށް ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީން ނިންމާފައިވާ ފުނަދޫ ދާއިރާގެ އިންތިޚާބީ މެންބަރު އަބްދުރަހީމް އަބްދުﷲ ވިދާޅުވީ ޕީއެންސީ ސަރުކާރުގެ 5 އަހަރުގެ ދައުރުގެ ތެރޭގައި ބަދަލުތައް އައުމަކީ ނުވެ ނުދާނެކަމެއްކަމުގަ އެވެ. އަދި އެފަދަ ބަދަލުތައް ގެންނަނީ ހަމައެކަނި އަދުގެ ސަރުކާރުން ނޫންކަމަށްވެސް އަބްދުއްރަޙީމް ވިދާޅުވިއެވެ.
އެމަނިިކުފާނު ވިދާޅުވީ ސަރުކާރުގެ މަޤާމުތަކަށް އައްޔަންކުރައްވާ ފަރާތްތަކުން އެދެވޭ މިންވަރަކަށް މަސައްކަތް ނުކުރެއްވި ނަމަވެސް ދައުރު ނިމެންދެން އެމީހަކު މަޤާމު ބަހައްޓައިގެން ކުރީގެ ސަރުކާރުތަކުން ތިބި ނަމަވެސް ޕީއެންސީން ދިވެހިރާއްޖޭގެ ވެރިކަމަށް އައީ އެކަން އެގޮތަށްކުރަން ނޫންކަމުގައެވެ.
އަބްދުއްރަހީމް ވިދާޅުވީ ސަރުކާރުގެ މަޤާމުތަކަށް ގެންނަ ބަދަލުތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޭނުންފުޅުވާ ސްޕީޑުގައި ކަންކަން ކުރިއަށްގެންދާއިރު މިހާރު ކަންކަން ދާގޮތަށް ބަލައި އެމަނިކުފާނަށް ބަދަލު ގެންނަންޖެހޭކަމަށް ޤަބޫލުކުރެވުމުން ގެންނަވާ ބަދަލުތަކެއްކަމުގައެވެ. އަދި މިފަދަ ބަދަލުތަކަކީ ސަރުކާރުގެ ހިންގުން ރަނގަޅު ކުރެއްވުމަށް ގެންނަވާ ބަދަލުތަކެއްކަމަށްވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.









