ގެއްލިގެން ހޯދަމުންދިޔަ ޢުމުރުން 14 އަހަރުގެ އަންހެން ކުއްޖާ ފެނިފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެ އެވެ.
ފުލުހުން ހާމަކުރެއްވި ގޮތުގައި ގެއްލިގެން ހޯދަމުންދިޔަ ތ. މަޑިފުށި/ނައިޓްރޯސް، ޢާއިޝަތު ޒޯޔާ ފިކުރީ (14އ) ފެނިފައިވަނީ ރޭގެ ވަގުތެއްގައި ކަމަށާއި، ފެނުންއިރު އެކުއްޖާގެ ޙާލު ރަނގަޅުކަމަށްވެސް ފުލުހުން ވިދާޅުވި އެވެ. ނަމަވެސް އެކުއްޖާ ފެނިފައިވަނީ ކޮންތަނަކުން ކަމެއް، އަދި އެކުއްޖާ ހުރީ އާޢިލާގެ ނުވަތަ ފުލުހުންގެ ބެލުމުގެ ދަށުގައިކަމެއްވެސް ފުލުހުން ހާމަކުރައްވާފައެއް ނުވެއެވެ.
ފުލުހުން މީގެކުރިން ހާމަކުރެއްވިގޮތުގައި ވ.ނާލިސް، ގައި ދިރިއުޅޭ ތ.މަޑިފުށި ނައިޓްރޯސް ޢާއިޝަތު ޒޯޔާ ފިކުރީ އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވާތީ އެކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުން ގެންދެވީ ކުރައްވަމުންނެވެ.
14 އަހަރުގެ ޢާއިޝަތު ޒޯޔާ ފިކުރީ އެންމެ ފަހުން ފެނިފައިވަނީ މެއި 21 ވަނަ ދުވަހު، އެކުއްޖާ ދިރިއުޅޭ ގެއިން ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވާ ކަމަށްވެސް ފުލުހުން ހާމަކުރައްވަ އެވެ.
ފުލުހުން ވަނީ ގެއްލިގެން ހޯދަމުންދިޔަ ޒޯޔާގެ ފޮޓޯވެސް މީސް މީޑިއާގައި ހިއްސާކުރައްވާފަ އެވެ.
ޢާއިޝަތު ޒޯޔާ ފިކުރީގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ވިލިމާލެ ޕޮލިސް ސްޓޭޝަންގެ 9790083 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށްވެސް ފުލުހުން ވަނީ އެދިލައްވާފަ އެވެ.









