Search Streamline Icon: https://streamlinehq.com

ރާއްޖޭގެ ކަނޑުފަޅުގެ ޚަޒާނާއަކީ ދިވެހި އިޤްތިސޯދަށް އޮތް އެންމެ ބޮޑު އުންމީދު

ރާއްޖޭގެ ކަނޑުފަޅުގެ ހަޒާނާއަކީ އިޤްތިޞާދަށް އޮތް އެންމެ ބޮޑު އުންމީދުކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެންވިދާޅުވީ ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާ މެދުވެރިކުރައްވައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ވިދާޅުވީ ދުނިޔޭގެ ޗާޓުގައި ދިވެހި ކަނޑުތައް އޮތް ސަރަޙައްދުގެ މުހިންމުކަމާއި، އެ ކަނޑުތަކުގެ ޤުދުރަތީ ނަލަކަމާއި، އެ ކަނޑުތަކުގައިވާ ރޯއްޖާއި ޚަޒާނާތަކަކީ، ދިވެހީންގެ ތިޔާގި އިޤްތިޞާދަކަށް އޮތް އެންމެ ބޮޑު އުންމީދުކަމަށެވެ.

މި އަހަރުގެ ކަނޑުތަކުގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ސަރުކާރުން ގިނަ ޙަރަކާތްތަކެއް އަންނަނީ ކުރިޔަށްގެންދަމުންނެވެ. އެގޮތުން ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުއިޒް މުބާރާތެއް ކުރިޔަށްގެންދިއުމާއި ”ކަނޑުފަޅަށް ލޯ ހުޅުވަމާ“ގެ ނަމުގައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އިން މައުލޫމާތު ސެޝަނެއް ކުރިޔަށްގެންދިއުމާއި ކުޑަކުދިންނަށް އަމާޒުކޮށްގެން ”ޑިސްކަވާ ޑައިވް“ ގެ ނަމުގައި ހަރަކާތެއް ކުރިއަށް ގެންދިއުމާއި ”އެންމެން މޫދަށް“ގެ ނަމުގައި މޫދަށް އެރުމުގެ ހަރަކާތެއް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ވަނީ ކުރިއަށް ގެންގޮސްފައިވެއެވެ.

މީގެ އިތުރުން ”ކަނޑުރޯދި އުފާ ފެސްޓިވަލް“ގެ ނަމުގައި ހުޅުމާލޭގައި ވަނީ ހަރަކާތެއްވެސް ކުރިއަށްގެންގޮސްފައެވެ.

މި އަހަރުގެ ދުނިޔޭގެ ކަނޑުތަކުގެ ދުވަހަށް ކަނޑައަޅާފައިވާ ތީމަކީ ”ކަނޑުތަކާއި މޫސުމަށް ހެޔޮ ބަދަލުގެނައުމުގެ މަސައްކަތް ހަލުވިކުރުން“ މިއެވެ. ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޖޫން މަހުގެ 8 ވަނަ ދުވަހެވެ.

Leave a Reply

Your email address will not be published. Required fields are marked *