Search Streamline Icon: https://streamlinehq.com

މަގުތަކަކީ ރައްޔިތުންނަށް ރައްކާތެރި ތަނަކަށް ހެދުމަށް ޚާއްޞަ މަސައްކަތްތަކެއް ފަށައިފި

Police

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި މާލެއާއި ހުޅުމާލޭގެ މަގުތަކަކީ ރައްޔިތުންނަށް ރައްކާތެރިތަނަކަށް ހެދުމަށް ފުލުހުން ހާއްސަ މަސައްކަތްތަކެއް ފަށައިފިއެވެ.

ފުލުހުން ހާމަކުރެއްވި ގޮތުގައި މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ އިރުޝާދުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.

މި މަސައްކަތުގެ ތެރެއިން، މާލެއާއި ހުޅުމާލޭގެ މަގުތައް ބެލެހެއްޓުން ފުޅާކޮށް ފުލުހުން އިތުރަށް ހަރަކާތްތެރިވަމުން ގެންދާނެއެވެ. އެގޮތުން، ކާރުބާރު ބޮޑުވާ މަގުތައް، ހާއްސަކޮށް މާލެ ބޮޑުތަކުރުފާނުމަގު، މަޖީދީމަގު، މާރުކޭޓު ސަރަހައްދު، ސްކޫލުތައް ހިމެނޭ މަގުތައް، ހަތަރުއަނގޮޅި ހިމެނޭ ބޮޑެތި މަގުތައް އަދި މާލެއާއި ހުޅުމާލެ ބްރިޖުު ފެށޭ އަދި ނިމޭ ހިސާބުގެ އިތުރުން އެއާޕޯޓު ޓްރެފިކް ލައިޓު ކައިރި، ހުޅުމާލެ ސެންޓްރަލް ޕާކު ހިމެނޭ ސަރަހައްދާއި ސްކޫލުތައް ހިމެނޭ ސަރަހައްދުތައް އަދި އެހެނިހެން ހިސާބުތަކުގައި ވެސް މަގުތައް ތަރުތީބުކުރުމާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ހަރަކާތްތެރިވަމުންދާނެއެވެ.

މިގޮތަށް ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން މަގުމަތީގެ ރައްކާތެރިކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ރައްޔިތުންނަށް ނަސޭހަތްތެރިވެ، ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތް ވެސް ފުލުހުން ކުރަމުން ގެންދާނެއެވެ. މި މަސައްކަތުގެ ދަށުން ތިރީގައިވާ ކަންކަމަށް ސަމާލުކަން ދިނުމަށް އާންމުނަށް ފުލުހުން އިރުޝާދު ދެމުންދާނެއެވެ.

ފުލުހުން ހާމަކުރެއްވި ގޮތުގައި އުޅަނދު ދުއްވަން އެރުމުގެ ކުރިން ރައްކާތެރި ކަމުގެ ގޮތުން ފުރިހަމަ ކުރަންޖެހޭ އެންމެހައި ކަންކަން ފުރިހަމަވެފައިހުރިކަން ޔަގީން ކުރަންވާނެއެވެ. އަދި ކަނޑައެޅިފައިވާ ސްޕީޑް ލިމިޓަށްވުރެ ބާރަށް ނުދުއްވުމާއި، ޓްރެފިކް ނިޝާންތަކަށް ސަމާލުވާން ވާނެއެވެ. މީގެ އިތުރުން ރައްކާތެރި ހެލްމެޓް އަޅުއްވައި ހެލްމެޓްގެ ބަކުލް އަޅުއްވާ ބާރުކުރެއްވުމާއި، 30 ކިލޯ މީޓަރަށްވުރެ ބާރަށް ދުއްވޭ ސަރަހައްދު ތަކުގައި 4 ފުރޮޅުލީ އުޅަނދު ދުއްވާއިރު ސީޓްބެލްޓް އެޅުއްވުމާއި، އުޅަނދު ދުއްވާއިރު މޯބައިލް ފޯނު ބޭނުން ނުކުރެއްވުމާއި، ކުޑަކުދިން 4 ފުރޮޅުލީ އުޅަނދުގައި ގެންދާއިރު އެކުދިންނަށް ޚާއްޞަ ގޮނޑި ބޭނުން ކުރައްވަން ވާނެއެވެ.  އަދި އުޅަނދުތަކުގައި މުދާ އުފުލާއިރު ރައްކާތެރިކަމަށް އިސްކަންދެއްވުމަށްވެސް ފުލުހުން ވަނީ އެދިލައްވާފައެވެ.

މިނޫނަސް ރައްކާތެރިކަމުގެ ގޮތުން ސަމާލުކަންދޭންވީ ކަންކަން ފުލުހުން އާންމުންނާ ހިއްސާކުރަމުން ގެންދަވާނެ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *