Search Streamline Icon: https://streamlinehq.com

އިންޑިޔާއިން ކުޅުދުއްފުއްޓަށް ”ޕެރިޝަބަލް“ މުދާ ދާއިމީގޮތެއްގައި އެތެރެކުރަނީ

Hithadhoo Port photo MPL

އިންޑިއާއިން ސީދާ ކުޅުދޫފުއްޓަށް ”ޕެރިޝަބަލް“ މުދާ( އަވަހަށް ހަލާކުވާ ކާބޯތަކެތި) ދާއިމީ ގޮތެއްގައި އެތެރެކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޑެޓްގެ ސީީއީއޯ މުޙައްމަދު ވަޖީހު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހު އިބްރާހީމް ވިދާޅުވި އިރު، މި ބާވަތުގެ މުދާ މިހާރު ވެސް އަންނަނީ އިންޑިއާގެ ޓުޓިކޮރިން އިން އައްޑޫ ސިޓީއަށް އެތެރެކުރަމުންނެވެ.

ކުޅުދުއްފުށި ސިޓީގެ ޕޯޓަށް މިވީ 19 ވަރަކަށް އަހަރުތެރޭ އެއްވެސް ތަރައްޤީއެއް އައިސްފައިނުވާކަން ފާހަގަކުރައްވާ  ވަޖީހު ވިދާޅުވީ އެތަން ހިންގަމުން އައިސްފައިވަނީ ގެއްލުމުގައި ކަމަށެވެ. އެހެންނަމަވެސް އެ ޕޯޓަކީވެސް ފައިދާ ލިބޭނެ ތަނަކަށް ހެދުމަށް މިހާރު މަސައްކަތްތައް ފަށާފައިވާކަމަށެވެ. އެގޮތުން ޕޯޓުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތުގެ ދަށުން ދާއިމީކޮށް ޕެރިޝަބަލް މުދާ ގެނައުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.އަދި މިމަސް ނިމުމުގެ ކުރިން ނުވަތަ އަންނަ މަހުގެ ކުރީކޮޅު އިންޑިއާއިން ދާއިމީގޮތެއްގައި އެފަދަ މުދާ ގެނެވޭނެ އިންތިޒާމް ހަމަޖައްސަމުންދާކަމަށެވެ. އެހެންނަމަވެސް އެކަން ކުރާނީ ކުޅުދުއްފުށީ ސިޓީގެ ވިޔަފާރިވެރިންގެ މަޝްވަރާއާއެކުކަމަށްވެސް އޭނާ ވިދާޅުވިއެވެ.

”އިންޑިއާއިން މުދާ ގެންނަން ފެށުމުން އެ ސަރަޙައްދުގެ ރައްޔިތުންނަށް އަގުހެޔޮކޮށް މުދާ ލިބޭނެ.
ވިޔަފާރަވެރިން ބޭނުންނަމަ ކޮންމެ 10 ދުވަހަކުން ބޯޓުން މުދާ ގެންދާނެ ގޮތް ހަމަޖެއްސޭނެ.“

ކުޅުދުއްފުށީ ޕޯޓު އިތުރަށް ތަރައްގިކުރުމަށް ކުރެވޭނެ މަސައްކަތްތަކާއި ގުޅޭގޮތުން ވަޖީހު އިތުރަށް ވިދާޅުވީ  ބޯޓު ޔާޑެއް ހިންގުމުގެ މަސައްކަތްތައް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށާއި އެތަން ޚާއްސަކުރުމަށް ހަމަޖެހިފައިވަނީ ފައިބަރުން ބޯޓު ބަނުމަށްކަމަށެވެ. އަދި އެ ޕޯޓަށް ފަސޭހައިން ބޯޓުފަހަރު ގާތްކުރެވޭގޮތަށް ޖެޓީ ހެދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށްވެސް ވަޖީހު ވިދާޅުވިއެވެ.

އިންޑިއާގެ ޓުޓިކޮރިންއިން އައްޑޫ ސިޓީއަށް އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި ނުވަތަ ޕެރިޝަބަލް ކާގޯ އެންމެ ފުރަތަމަ ގެންނަމުން އައީ ލަކުޑި ބޯޓުތަކުގައެވެ. މި ބޯޓުތަކަށް ދަތުރުކުރެވެނީ އަހަރުގެ ވަކި ދުވަސްވަރެއްގެ ތެރޭގައި ކަމަށްވާތީ ދާއިމީ ގޮތެއްގައި މުދާ ގެނެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް އެމްޕީއެލްއާއި ހިތަދޫ ޕޯޓުން ވަނީ ކޮށްފައެވެ.

އެމްޕީއެލްއާއި ހިތަދޫ ޕޯޓުން ކުރި މަސައްކަތުން އިންޑިއާގެ ފައިނެސް ގްރޫޕް މެދުވެރިކޮށް މިދިޔަ ޖުލައި މަހުން ފެށިގެން ދަގަނޑު ބޯޓުތަކުގައި ދާއިމީ ގޮތެއްގައި ޕެރިޝަބަލް ކާގޯ ގެނެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. އޭގެ ސަބަބުން އެސަރަހައްދުގެ ވިޔަފާރިތަކަށް ލުއިފަސޭހަކަމާއިއެކު ރައްޔިތުންނަށް މޭވާ އާއި ތަރުކާރީ ފޮރުކޮށްދިނުމަށް މަގުފަހިވެފައިވެއެވެ. އަދި ކުޅުދޫފުށީގެ ބޯޓަށް ތަކެތި އެތެރެކުރެވޭނެ އިންތިޒާމްތައް ހަމަޖެހިގެން ދިއުމުން  ރާއްޖޭގެ އެންމެ އުތުރުގެ ވިޔަފާރިތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.

 

 

Leave a Reply

Your email address will not be published. Required fields are marked *