މާޅޮސްމަޑޫލު ދެކުނުބުރި އޭދަފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއުގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ( އެމްޓީސީސީ)އިން ހާމަކުރައްވައިފި އެވެ.
34.4 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެމްޓީސީސީން ލަފާ ކުރައްވާފައިވާ، އޭދަފުށި މަގުތަކުގައި ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް އެކުންފުނިން ފައްޓަވާފައިވަނީ 2019 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގަ އެވެ.
މި މަޝްރޫއުގެ ދަށުން އޭދަފުށީގައި 22،942 އަކަމީޓަރު ހިމެނޭ ގޮތަށް، 19 މަގެއްގައި މިހާރު ވަނީ ތާރު އަޅައި ނިންމާފަ އެވެ.
އެމްޓިސީސީއިން ހާމަކުރައްވާ ގޮތުގައި އޭދަފުށީގެ މަގުތައް ހެދުމުގެ މަސައްކަތުގެ %96 މިހާރު ވަނީ ނިމިފައެވެ. މި މަސައްކަތުގައި މިހާރު ކުރިއަށްދަނީ ފެންހިންދާ ޕަމްޕް ސްޓޭޝަން ހަރުކުރުމުގެ މަސައްކަތްކަމަށްވެސް އެ ކުންފުނިން ހާމަކުރައްވަ އެވެ. މި މަސައްކަތުގެ ވެސް 98 ޕަސެންޓް ނިމިފައިވާ ކަމަށް އެމްޓީސީސީން ހާމަކުރައްވަ އެވެ.
އޭދަފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މި މަޝްރޫޢުގެ ދަށުން، ފެންހިންދާ ނިޒާމެއް ޤާއިމު ކުރުމާއި، މަގުތަކުގައި ތާރު އެޅުމާއި، މަގުތަކުގައި ހޮޅިބައްތި ހަރުކުރުމާއި، މަގުތަކުގައި ޓްރެފިކް ނިޝާން ހަރުކުރުމާއި، ސްޕީޑް ބްރޭކަރު ހަރުކުރުމުގެ މަސައްކަތް ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.









