Search Streamline Icon: https://streamlinehq.com

މިހާރަށްވުރެ ޙަރަކާތްތެރި ދައުރެއް އަދާކުރުމަށް ރާއްޖެ އޮތީ ތައްޔާރަށް: ރައީސުލްޖުމްހޫރިއްޔާ

Dr. Muizzu Alif Dhaalu

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އދ. ގެ ނިޒާމުގެ ތެރޭގައި ރާއްޖެއިން މިހާރަށްވުރެ ޙަރަކާތްތެރި ދައުރެއް އަދާކުރުމަށް، ޚާއްސަގޮތެއްގައި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވަމުންދާ މައިގަނޑު މައްސަލަތަކާގުޅޭ ކަންކަމުގައި މަސައްކަތްކުރުމަށް ތައްޔާރަށް އޮތްކަން ފާހަގަކުރައްވާފައެވެ.

އަދި ދަރަނި ކުޑަކުރުމާއި މާލީ ޙާލަތު ރަނގަޅުކޮށް ދެމެހެއްޓެނިވި ޙައްލުތަކެއް ހޯދުމަށް ފިސްކަލް ރިފޯމް އެޖެންޑާއެއް އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވައި، ޤައުމަށް ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. އަދި މިކަމުގައި ބައިލެޓަރަލް އަދި މަލްޓިލޭޓަރަލް ފަރާތްތަކުގެ އެހީތެރިކަމާއި އެއްބާރުލުން ދިވެހިރާއްޖެއަށް ލިބުން މުހިންމުކަމުގައި ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި އދ.ގެ ސެކްރެޓަރީ ޖެނެރަލް ވަނީ ބައިނަލްއަޤްވާމީ މައްސަލަތަކުގައި، ޚާއްސަކޮށް މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ކުރޭވެ މަސައްކަތްތަކުގައި ދިވެހިރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތަކަށް ތަޢުރީފު ކުރައްވާފައެވެ. މިކަންތައްތަކުގެ އިތުރުން ރާއްޖެއަށް ކުރިމަތިވާ އެހެން މުހިންމު ކަންކަމުގައިވެސް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގައި ސެކްރެޓަރީ ޖެނެރަލް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން، ރައީސުލްޖުމްހުރިއްޔާ ވަނީ ސެކްރެޓަރީ ޖެނެރަލްގެ ލީޑަރޝިޕްގެ ދަށުން، ދުނިޔޭގެ މަސްރަޙުގައި ބޮޑެތި މައްސަލަތަކަށް ބަހުސްކުރުމުގައި އެންމެހާ މެންބަރު ޤައުމުތަކަށް ހަމަހަމަ ފުރުޞަތު ދެއްވުމަށް ކުރައްވާ މަސައްކަތް ފާހަގަކުރައްވައި އެކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުން ބާއްވަވާފައި ވަނީ ނިއުޔޯކްގައި ހުންނަ އދ.ގެ މައިމަރުކަޒުގައި، އެކުވެރި ދައުލަތްތަކުގެ އާންމު މަޖިލީހުގެ 79 ވަނަ ބައްދަލުވުމުގެ ހަވާސާގައެވެ.

Leave a Reply

Your email address will not be published. Required fields are marked *