Search Streamline Icon: https://streamlinehq.com

އެމެރިކާގައި ދިރިއުޅޭ ދިވެހީން ފާހަގަކުރި ކަންކަން ކޮށްދިނުމަށް ރައީސް ޑރ. މުޢިއްޒު މަސައްކަތްކުރައްވާނެ

America Dhivehin

އެމެރިކާގައި ދިރިއުޅޭ ދިވެހީން ފާހަގަކުރެއްވި ކަންކަން ކޮށްދެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފި އެވެ.

އެމަނިކުފާނު މިކަމުގެ ޔަޤީންކަން ދެއްވީ އެކުވެރި ދައުލަތްތަކުގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަނުގައި ބައިވެރިވެވަޑައިގަތުމަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެމެރިކާގެ ނިއުޔޯކް ސިޓީއާއި، އެ ސިޓީއާ ކައިރި ސަރަހައްދުތަކުގައި ދިރިއުޅުއްވާ ބައެއް ދިވެހިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ ”އދ. އަށް ކަނޑައަޅާފައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަން“ ގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި ވަކިވަކި ބައިވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވާފައެެވެ. އަދި އެމަނިކުފާނު ވަނީ އެފަރާތްތަކުގެ ހާލުއަހުވާލު އޮޅުންފިލުއްވައި އެފަރާތްތައް ބޭނުންވާކަންކަން ބައްލަވާފައެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ އެފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތަކަކީ ކޮބައިކަން ބައްލަވައި އެކަންކަމުގައި ސަރުކާރުގެ ފަރާތުން ބޭނުންވާ ކަންކަންވެސް އޮޅުންފިލުއްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމެރިކާގައި ދިރިއުޅޭ ދިވެހީން ފާހަގަކުރެއްވި ކަންކަން ކޮށްދެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ރައްޔިތުންނާ ވީހާވެސްް ގާތުން ރައްޔިތުންގެ އަޑުއައްސަވައިގެން ސަރުކާރުގެ ސިޔާސަތުތައް އެކުލަަވާލެއްވުމަށް މަސައްކަތްކުރައްވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ އދ. އަށް ކަނޑައަޅާފައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަންގެ މެހުމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *