އިންޑިއާގެ ބެންގަލޫރުގައި ދިރިއުޅޭ ދިވެހިންނާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ރޭގެ ވަގުތެއްގައި ބައްދަލުކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ބޭއްވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ބެންގަލޫރުގައި މަސައްކަތްކުރައްވާ އަދި އެކި ކަންކަމުގައި އެޤައުމަށް ވަޑައިގެން އުޅުއްވާ ދިވެހިންނާއި ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގަތް ރައްޔިތުންގެ އިހުސާސުތަކާއި ކަންބޮޑުވުންތަކާއި ހިޔާލުތައް އަޑުއައްސަވަން ބޭނުންފުޅުވާކަމުގައި ވިދާޅުވިއެވެ. އަދި އެފަދަ ކަންކަން ހިއްސާކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން އެކަންކަން ވިދާޅުވެދެއްވުމުން އެކަންކަމަށް ހައްލު ގެނެސްދިނުމަށް މަސައްކަތް ކުރައްވާނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އެކިއެކި ބޭނުންތަކަށް ރައްޔިތުން އިންޑިއާއަށާއި އަދި ބޭރުގެ އެހެނިހެން ޤައުމުތަކަށް ޒިޔާރަތް ކުރާކަމަށާއި ދިވެހިން އިންޑިއާއަށް ދާ މައިގަނޑު ކަންކަމަކީ، ބޭސްފަރުވާއާއި ތަޢުލީމު ހާސިލްކުރުމާއި ވިޔަފާރީގެ ބޭނުންތަކުގަައި ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ރައީސުލްްޖުމްހޫރިއްޔާ ވިދާޅުވީ މިފަދަ އެއްވެސް ކަމެއްގައި ވަޑައިގެން އުޅުއްވާ ބޭފުޅަކަށް ސަރުކާރުގެ ފަރާތުން ކޮށްދެވޭނެ ކަންތައްތައް ނުވަތަ ސަރުކާރު މެދުވެރިވެގެން އެ ޤައުމެއްގެ ސަރުކާރުގައި ދަންނަވައިގެން ފަހިކޮށްދެވިދާނެ ކަންކަން ހުރިނަމަ އެކަން ފަހިކޮށްދެއްވާނެކަމުގައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބެންގަލޫރުގައި ދިރިއުޅޭ ދިވެހިންނާއެކު ވަގުތުހޭދަކުރައްވައި، އެފަރާތްތަކުގެ އެކިއެކި ބޭނުންތަކާއި އިހުސާސުތައް އަޑުއައްސަވާފައެވެ.









