އައްޑޫ ސިޓީގެ ހިތަދޫއާއި އައްޑޫގެ ހުޅުދޫ އަދި އައްޑޫ މީދޫ ގުޅުވާލަދޭ ބުރިޖުގެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ފެށުމަކީ އެމަނިކުފާނުގެ އަމާޒުކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ ރާއްޖޭގެ އެންމެ ދެކުނުގެ ދެ އަތޮޅުކަމަށްވާ، ފުވައްމުލައް ސިޓީއާއި އައްޑޫއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އައްޑޫގެ ފުރަތަމަ މަންޒިލެއްގެ ގޮތުން އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫއަށް ވަޑައިގެން، އެ ދެރަށުގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ބުރިޖަކީވެސް އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދެއް ކަމަށާއި، އެމަސައްކަތް މިހާރު ވަނީ އިންޓަރނޭޝަނަލް ބިޑިންގއަށް ހުޅުވާލައިގެން ފުރިހަމަ ޑިޒައިނެއް ހެދުމަށް ޗައިނާގެ ޕާޓީއަކާއި ޙަވާލުކުރެވިފައިކަމުގައެވެ. އަދި އަމާޒަކީ އަންނަ އަހަރުގެ ތެރޭގައި މި ބުރިޖުގެ މަސައްކަތް ފެށުންކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދުފުޅެއް އެހެން ތަނަކަށް ބަދަލުނުކުރައްވާނެކަމުގެ ޔަގީންކަން ދެއްވިއެވެ. ހަމަސްދުވަހުގެ ތެރޭގައި ބުރިޖުގެ މަސައްކަތުގެ ހުރިހާ ކުރެހުންތަކާއި ހުރިހާ ފަންނީ މަޢުލޫމާތަކާ އެއްކޮށް ތިން އޮޕްޝަނަކަށް ޑިޒައިން ހަދާފައި ސަރުކާރަށް ހުށައަޅަން ޙަވާލުކުރެވިފައިވަނީ އެއް މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގެ ދަށުންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި މަސައްކަތް ޙަވާލުކުރެވުނު ޗައިނާގެ މި ކުންފުންޏަކީ ދުނިޔޭގެ ފެންވަރުގައިވެސް އެންމެ ރަނގަޅަށް މިފަދަ މަސައްކަތްތައް ކުރާ އެއް ކުންފުނިކަން ފާހަގަކުރެއްވިއެވެ. އަދި އެ ކުންފުންޏާއި ޙަވާލުކުރެވުނީ، ސަރުކާރުން ދިން ތިން އޮޕްޝަނަށް ބުރިޖުގެ ޑިޒައިނާއި އޭގެ ފީޒިބިލިޓީތަކާއެކު ކޮންޓްރެކްޓަރަކާ މަސައްކަތް ޙަވާލުކުރާއިރު ބޭނުންވާނެ ފެންވަރަށް ހުރިހާ ކަމެއް ފުރިހަމަކުރުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިދިޔަ މަހު މި މަސައްކަތް ފަށާފައިވާއިރު، މަސައްކަތް ނިންމައި އަންނަ އަހަރުގެ މާޗް-އެޕްރީލާއި ހިސާބަށްދާއިރު ސަރުކާރަށް މި ލިޔުންތައް ހުށައަޅާނެ ކަމަށާއި، އެ ލިޔުންތައް ލިބުމުން އެއް ޑިޒައިނެއް އިޚުތިޔާރުކޮށް އެގްރީމަންޓް ހަދައި، އިރާދަކުރެއްވިއްވާ މިއަންނަ އަހަރުގެ ތެރޭގައި މި ބުރިޖުގެ މަސައްކަތް ފެށުމަކީ އަމާޒުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.









