ދަރިއަކު ލިބި ފިލްމީ މަސައްކަތްތަކާ ދުރަށް ޖެހިލާފައިވާ ބޮލީވުޑްގެ މަޝްހޫރު ތަރި އަނުޝްކާ ޝަރްމާގެ އެނބުރި އައުމުގެ ފިލްމު ކަމަށްވާ، ”ޗަކްދާ އެކްސްޕްރެސް“ ރިލީޒްކުރުމުގެ މަޝްވަރާތައް އަލުން ފަށާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
މި ފިލްމުގެ މަސައްކަތްތައް ހުއްޓިފައި ހުއްޓާ، އިންޑިއާގެ އަންހެން ކްރިކެޓް ޓީމުން މި އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރުމާ ގުޅިގެން މި ބަޔޮޕިކް ފިލްމު ރިލީޒްކުރުމަށް ވަރަށް ބޮޑު ސަމާލުކަމެއް ލިބިފައިވާ ކަމަށް ވެއެވެ.
”ޗަކްދާ އެކްސްޕްރެސް“އަކީ އިންޑިއާގެ އަންހެން ކްރިކެޓް ޓީމްގެ ކުރީގެ ކެޕްޓަން އަދި މަޝްހޫރު ކުޅުންތެރިޔާ ޖުލަން ގޯސްވާމީގެ ހަޔާތަށް ބިނާކޮށް ގެނެސްދޭ ބަޔޮޕިކް ފިލްމެކެވެ. މި ފިލްމުގެ ޝޫޓިން ނިމި، 2022 ވަނަ އަހަރު ރިލީޒްކުރާ ގޮތަށް ހަމަޖެއްސި ނަމަވެސް، ފިލްމު ޕްރޮޑިއުސްކުރި ނެޓްފްލިކްސް އިން އުއްމީދުކުރި ވަރާ ގާތަށް ވެސް މަސައްކަތްތައް ކޮށްފައި ނުވާތީ ކަމަށް އޭރު އަޑު ފެތުރި، ފިލްމުގެ މަސައްކަތްތައް ވަކި ހިސާބަކުން ހުއްޓުނީ އެވެ.
ނަމަވެސް، ތާރީޚުގައި ފުރަތަމަ ފަހަރަށް އިންޑިއާގެ އަންހެން ކްރިކެޓް ޓީމުން މި އަހަރުގެ ވޯލްޑް ކަޕް މުބާރާތް ކާމިޔާބުކުރުމާ އެކު، ”ޗަކްދާ އެކްސްޕްރެސް“ގެ މަސައްކަތް އަލުން ފަށައި، ފިލްމު ރިލީޒްކުރަން އޭގެ އުފެއްދުންތެރިން މިހާރު ވަނީ ނެޓްފްލިކްސްގައި އެދިފަ އެވެ. މި ކާމިޔާބީއާ އެކު، އަންހެން ކްރިކެޓްގެ މަޝްހޫރު ކުޅުންތެރިއެއްގެ ހަޔާތު ފިލްމަކަށް ލިބިފައިވާ ޝައުގުވެރިކަން އިތުރުވެފައިވާކަން ފާހަގަކުރެވެ އެވެ.
އަނުޝްކާ އެންމެފަހުން ފެނުނު ފިލްމަކީ 2018 ވަނަ އަހަރު ގެނެސްދިން ޝާހްރުކް ޚާންގެ ފިލްމު ”ޒީރޯ“ އެވެ. އޭގެ ފަހުން، އޭނާގެ ފިރިމީހާ އަދި ކްރިކެޓް ކުޅުންތެރިޔާ ވިރާޓް ކޯލީއާ އެކު ދެ ކުދިން ލިބުމާ އެކު އަނުޝްކާ ވަނީ ފިލްމީ މަސައްކަތްތަކާ ދުރަށް ޖެހިލައިފަ އެވެ. މި ދެމަފިރިން މިހާރު ދިރިއުޅެނީ ލަންޑަންގަ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، ފިލްމުގައި ރަނގަޅުކުރަން ހުރި ކަންކަން އިސްލާހުކޮށް، ”ޗަކްދާ އެކްސްޕްރެސް“ ސްޓްރީމިން އަށް ދޫކޮށްލުމަށް ނެޓްފްލިކްސް އިން މިހާރު މަޝްވަރާތައް ފަށާފައިވާކަމީ، އަނުޝްކާގެ ފިލްމު ފެނުމަށް އިންތިޒާރުކުރާ އެތައް ބަޔަކަށް ލިބިގެންދާނެ އުފާވެރި ޚަބަރެކެވެ.









