އޭޝިއާ ސަރަހައްދުގައި އީ-ވިސާގެ ޚިދުމަތް ތައާރަފްކުރި ފުރަތަމަ ގައުމުގެ ލަގަބު ދިވެހިރާއްޖެއަށް ލިބިއްޖެއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މި ޚިދުމަތް ރަސްމީކޮށް ތައާރަފްކޮށްފައިވަނީ، ޑިޖިޓަލްކޮށް ޚިދުމަތްތައް ފުޅާކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ޚިދުމަތްތައް އަންނަ މަހުގެ 23 ވަނަ ދުވަހުން ފެށިގެން އާންމުންނަށް ލިބިގެންދާނެއެވެ.
މޯލްޑިވްސް އިމިގްރޭޝަންގެ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް އިފްތިތާހްކުރުމަށް ބޭއްވި މި ރަސްމިއްޔާތުގައި އީ-ވިސާ ތައާރަފްކޮށްދެއްވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒެވެ. މި ފިޔަވަޅަކީ ރާއްޖޭގެ އިމިގްރޭޝަން ނިޒާމަށް ލުއިފަސޭހަ ބަދަލުތަކެއް ގެނެސް، ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކާ އެއް ފެންވަރަކަށް ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ދާހިލީ ފަނިއްޔާތާއި ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވީ، 2024 ވަނަ އަހަރު ވިސާ ސްޓިކާތައް ހުސްވެގެން އޯޑާކުރަން އެދެވުނު ދުވަސް ހަނދާނަށް އަންނަ ކަމަށެވެ. އަދި އެ ދުވަހަށް އެކަން ޑިޖިޓަލްކުރެވޭނެ ގޮތެއް ހަމަޖައްސައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވި ކަމަށެވެ. ވަޒީރު އިތުރަށް ވިދާޅުވީ، މިއީ މި ސަރަހައްދުގައި ވެސް މި ގޮތަށް ކުރާ ކަމެއް ނޫން ކަމަށާއި، ނަމަވެސް މިއަދު ރާއްޖެ ވަނީ މި ސަރަހައްދުގައި އީ-ވިސާ ދޭ ފުރަތަމަ ގައުމަށް ވެފައި ކަމަށެވެ.
އީ-ވިސާ އާއި މޯލްޑިވްސް އިމިގްރޭޝަންގެ މޯބައިލް އެޕްލިކޭޝަނަކީ މޯލްޑިވްސް އިމިގްރޭޝަންގެ މުވައްޒަފުން ފަރުމާކޮށް ތައްޔާރުކޮށްފައިވާ ވަރަށް ޚާއްސަ ޑިޖިޓަލް ނިޒާމެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މިއީ އިމިގްރޭޝަންގެ ތާރީޚުގައި ރަން އަކުރުން ލިޔެވިގެންދާނެ މުހިންމު ބަދަލެއް ކަމަށް ވިދާޅުވިއެވެ.
މި ޚިދުމަތް ތައާރަފުކުރުމާއެކު، މީގެކުރިން ވިސާގެ ޚިދުމަތް ހޯދުމަށްޓަކައި ވަކިވަކި ސިސްޓަމްތައް ބޭނުންކުރަންޖެހުމުގެ ސަބަބުން ހިދުމަތް ހޯދާ ފަރާތްތަކަށް ދިމާވަމުންދިޔަ ގޮންޖެހުންތަކަށް ހައްލު ލިބިގެންދާނެއެވެ. އިމިގްރޭޝަނުން ވިދާޅުވެފައިވަނީ، ލުއިފަސޭހަކަމާއެކު ވިސާއަށް އެދި ހުށަހެޅޭނެ ކަމަށާއި، އަދި ވިސާ ދޫކުރުމާއެކު އީ-ވިސާ އޮންލައިންކޮށް ޑައުންލޯޑްކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އީ-ވިސާގެ ސައްހަކަން ކަށަވަރުކުރުމަށްޓަކައި ޚާއްސަ ކިއުއާރު ކޯޑެއް ވެސް ހިމެނިފައިވާނެއެވެ.
މީގެ އިތުރުން، ވިސާ ދޫކުރެވިފައިވާ ބިދޭސީ ފަރާތްތަކަށް، މޯލްޑިވްސް އިމިގްރޭޝަންގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް އެ ފަރާތަކަށް ދޫކުރެވިފައިވާ އީ-ވިސާގެ މައުލޫމާތު ފެނިގެންދާނެއެވެ. އަދި ކުރިމަގުގައި އީ-ވިސާ ބޭނުންކޮށްގެން އެކިއެކި ޚިދުމަތްތައް ހޯދުމުގެ މަގު ފަހިވެގެންދާނެ ކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ.









