”ޤާނޫނު ނަންބަރު 2014/24 (ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު“ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީޤުކުރައްވައިފިއެވެ.
މި ބިލަކީ، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 16 ވަނަ ޖަލްސާގައި، މިމަހު 5 ވަނަ ދުވަހު ފާސްކުރައްވާފައިވާ ބިލެކެވެ. މި އިސްލާހުގެ މައިގަނޑު ބޭނުމަކީ، ޚާއްޞަ އިޤްތިޞާދީ ޒޯންތައް އެސްއީޒެޑް ’ސަސްޓެއިނަބަލް ޓައުންޝިޕް‘ ގެ ގޮތުގައި ކަނޑައެޅުމަށް މަގުފަހިކޮށް، އެފަދަ ޒޯންތަކާ ގުޅޭ ޝަރުޠުތަކާއި އުސޫލުތައް ޤާނޫނުގައި ބަޔާންކުރުމެވެ.
މި ބިލަށް ގެނެވުނު މުހިންމު އިސްލާހުތަކުގެ ތެރޭގައި، ސަސްޓެއިނަބަލް ޓައުންޝިޕް ތަރައްޤީކުރުމަށްޓަކައި ޚާއްޞަ ޝަރުޠުތަކެއް ހިމެނެއެވެ. އެގޮތުން، މިފަދަ ޒޯނެއްގައި ކުރެވޭ އިންވެސްޓްމަންޓްގެ އަދަދު 500 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ކުޑަނުވުން ލާޒިމުކުރެއެވެ. މީގެ އިތުރުން، ޒޯނުގައި ލަގްޒަރީ ޓޫރިޒަމްގެ ތަފާތު ޚިދުމަތްތައް ހިމެނޭހެން ތަރައްޤީކުރެވޭ އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓެއް ނުވަތަ ލަގްޒަރީ ޓޫރިޒަމްގެ ޚިދުމަތްތަކާއެކު ލަގްޒަރީ ރެސިޑެންޝަލް ފެސިލިޓީތައް ހިމެނޭ ލާޖް-ސްކޭލް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓެއް ގާއިމުކުރަން ޖެހޭނެއެވެ.
އެންމެ ބޮޑު އެއް އިސްލާހަކީ، މިފަދަ ޒޯންތަކުގައި ހަކަތަ އުފެއްދުމާއި ކުނި މެނޭޖްކުރުމަށް ގާއިމުކުރެވޭ އިންފްރާސްޓްރަކްޗަރއާއި ވަސީލަތްތަކަކީ ”ސެލްފް-ސަފިޝެންޓް“ ނުވަތަ އަމިއްލައަށް ފުދޭފަދަ ވަސީލަތްތަކަކަށް ވާންޖެހޭނެ ކަމެވެ. މި ޒޯންތައް ހިންގުމަށް ބޭނުންކުރާ ހަކަތައިގެ މަދުވެގެން 60 އިންސައްތައަކީ އިޢާދަކުރަނިވި ހަކަތައަށް ވާންޖެހޭނެކަމަށް ވެސް މި އިސްލާހުގައި ބަޔާންކޮށްފައިވެއެވެ. މި ޝަރުތުތަކުގެ ސަބަބުން، ތިމާވެއްޓާ ރަހުމަތްތެރި، ދިގުދެމިހުންނާނެ ތަރައްޤީއަށް ވަރަށް ބޮޑަށް ބާރުއަޅާނެއެވެ.
މި ބިލުގައި، އެފަދަ ޒޯނެއްގައި އިންވެސްޓްކުރާ ފަރާތްތަކަށް ނުވަތަ ޑިވެލޮޕަރުންނަށް ލިބިދެވޭ ޚާއްޞަ ޢިނާޔަތްތަކެއް ވެސް ވަނީ ހިމަނާފައެވެ. މިކަމުގެ ސަބަބުން ބޭރުގެ އިންވެސްޓްމަންޓްތައް ރާއްޖެއަށް އަންނާނެއެވެ.
ރައީސް މި ބިލު ތަސްދީޤުކުރެއްވުމާއެކު، ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ގާނޫނަށް މިހާރު ވަނީ އަމަލުކުރަން ފަށާފައެވެ. މި ބަދަލުތަކުގެ ސަބަބުން، ރާއްޖޭގެ ތަރައްޤީގެ ދިގު ރާސްތާއަށް މުހިންމު ކުރިއެރުންތަކެއް ލިބި، ރައްޔިތުންނަށް އޭގެ ފައިދާ ކުރާނެ ކަމަށް ސަރުކާރުން އުންމީދުކުރައްވައެވެ









