Search Streamline Icon: https://streamlinehq.com

ފަސް މަހެއްހާ ދުވަހުގެ ތެރޭގައި ރަސްމާލެއިން 15000 ގޯތި ދޫކުރަން އިޢުލާންކުރެވޭނެ: ރައީސުލްޖުމްހޫރިއްޔާ

Raees Muizzu

ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެއްވުމުގެ ވަޢުދުފުޅަށް އިސްކަންދެއްވައިގެން ކުޔަށްއޮތް ފަސް މަހެއްހާ ދުވަހުގެ ތެރޭގައި ރަސްމާލޭގައި ހިއްކޭ ބިމުން 15000 ގޯތި ދޫކުރަން އިޢުލާންކުރެވޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ޤައުމާ މުޚާޠަބުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މިއަހަރުގެ ރަސްމީ ޖަލްސާގައި، ޤައުމާ މުޚާޠަބުކުރައްވާ، ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެއްވުމަށް އެމަނިކުފާނުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ، އަދި ދާދި އަވަހަށް ހުޅުވާލައްވާނެ ބައެއް ފުރުޞަތުތަކުގެ ޚުލާސާއެއް ހިއްސާކުރައްވާފައެވެ.

ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެއްވުމުގެ ވަޢުދުފުޅަށް އިސްކަންދެއްވައިގެން، މިހާތަނަށް ކުރެއްވި މަސައްކަތްތަކުގެ ނަތީޖާއަކީ، އެކަން ކުރެއްވޭނެ ހިސާބަށް ވާސިލުވެވި، އެކަން ކުރައްވަން ފެއްޓެވިފައިވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅުގައި މާލޭ ސަރަޙައްދުގެ ބިން އިތުރުކުރުމަށް ބާރު ދުވެލީގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އިޝާރާތްކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ 5 މަހެއްހާ ދުވަހުގެ ތެރޭގައި ރަސްމާލޭގައި ހިއްކޭ ބިމުން 15000 ގޯތި ދޫކުރުމަށް އިޢުލާންކުރެވޭނެކަމުގައި ވެސް ވިދާޅުވެފައެވެ. އަދި މާލެ ސަރަޙައްދުގައި 3000 ހައުސިންގް ޔުނިޓް ތަރައްޤީކުރުމުގެ މަސައްކަތް ފެށޭނެ ކަމުގައެ. މީގެ އިތުރުން އިންޑިއާގެ ލައިން އޮފް ކްރެޑިޓުން އިތުރު 4000 ހައުސިންގް ޔުނިޓް ހަމަޖެހިފައިވާކަމުގައި އެމަނިކާފުނު ފާހަގަކުރެއްވިއެވެ. އަދި މިކަންކަމުގެ ތަފްސީލުތައް ދާދި އަވަހަށް ހިއްސާކުރައްވާނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ބޯހިޔާވަހިކަން ފޯރުކޮށްދެއްވުމުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ޢުމުރުން 18 އަހަރުން މަތީގެ ރައްޔިތުންގެ ތެރެއިން އެއްވެސް ވަރަކަށް އަމިއްލަ ބޯހިޔާވަހިކަން ލިބިފައި ނެތް ފަރާތްތައް ހިމެނޭހެން އާއިލީ ބޯހިޔާވަހިކަމެއް ފޯރުކޮށްދެއްވުމަށް ކަމަށާ، މަސައްކަތް ކުރައްވަނީ، ބިންހިއްކުމުގެ މަޝްރޫޢު ނިމެންވާއިރަށް، ގޯތި ލިބޭނެ ފަރާތްތައް ކަނޑައަޅައި ނިންމެވުމަށްކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މާލޭ ސަރަޙައްދުގައި ބިންހިއްކުމުގެ މަޝްރޫޢުތައް މިހާރުވެސް ބާރު ދުވެލީގައި ކުރިއަށްދާއިރު، ކުރިއަށް އޮތް ޑިސެމްބަރު މަހަކީ މި ދުވެލި އިތުރަށް ބާރުވެގެންދާނެ މަހެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން، ޑިސެމްބަރު މަހު ގެނެވޭ އިތުރު ޑްރެޖަރުތަކާއެކު، ރަސްމާލޭ ބިންހިއްކުމުގެ ދުވެލި، 3 ގުނަ ހަލުވިވެގެންދާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *