Search Streamline Icon: https://streamlinehq.com

މިނާ އާއި އަރަފާތުގައި ދިވެހިންނަށް ފެންވަރު ރަނގަޅު ހިދުމަތްތައް ދިނުމަށް އެއްބަސްވުމެއް

Img 0016 1024x768

މިނާ އާއި އަރަފާތުގައި ދިވެހި ހައްޖާޖީންނަށް އެންމެ ފުރިހަމަ އަދި ފެންވަރު ރަނގަޅު ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި، މުތައްވިފް ކަމަށްވާ ރަވާފް މިނާއާއެކު ހައްޖު ކޯޕަރޭޝަން އިން މުހިއްމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމަކީ ކުރިއަށް އޮތް ހައްޖުގެ މޫސުމުގައި ދިވެހި ހައްޖާޖީންނަށް މިނާ އާއި އަރަފާތުގައި ފަސޭހަކަމާއެކު ހައްޖުގެ އަޅުކަންތައް އަދާކުރުމަށް މަގުފަހިކޮށްދޭނެ އެއްބަސްވުމެކެވެ.

ސަޢުދީ އަރަބިއްޔާގެ ޖިއްދާގައި މިހާރު ކުރިއަށްދާ ”ހައްޖު ކޮންފަރެންސް އެންޑް އެގްޒިބިޝަން 2025“ ގެ ތެރެއިން މި އެއްބަސްވުމުގައި ހައްޖު ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލެވެ. ރަވާފް މިނާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ޒުހައިރު އަބްދުލް ހަމީދު ސަދާޔޯއެވެ.

މި އެއްބަސްވުމުގެ ސަބަބުން މިނާ އާއި އަރަފާތުގައި ދިވެހި ހައްޖާޖީންނަށް ހުރިހާ ބޭނުންތަކެއް ފުއްދައިދިނުމުގެ އިތުރުން، ފެންވަރު ރަނގަޅު ތަންތަނުގައި މަޑުކޮށްލުމާއި، ކެއިންބުއިމާއި، ސާފުތާހިރުކަމުގެ ހިދުމަތްތައް ހިމެނޭނެއެވެ. މިއީ ހައްޖާޖީންނަށް އެންމެ ހިތްހަމަޖެހޭ އަދި ފަސޭހަ ގޮތަކަށް ހައްޖުގެ ފަރުޟު އަދާކުރުމަށް އެޅުނު އިތުރު ފިޔަވަޅެކެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ، މިދިޔަ އަހަރަކީ ރާއްޖޭގެ ތާރީހުގައި ހައްޖާޖީންނަށް، މިނާ އަދި އަރަފާތުގައި އެންމެ ފެންވަރު ރަނގަޅު ހިދުމަތް ދެވުނު އަހަރު ކަމަށެވެ. މި އަހަރުގެ އެއްބަސްވުމާއެކުވެސް، އެ ފެންވަރު ދެމެހެއްޓުމަށް ނުވަތަ އެއަށްވުރެ ބޮޑަށް ހިދުމަތްތައް ރަނގަޅުކުރުމަށް މަސައްކަތް ކުރަމުންދާނެ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *