Search Streamline Icon: https://streamlinehq.com

އޭސީސީ ހިނގަނީ މިނިވަންކަމާއެކީ، މި ސަރުކާރުގެ އެއްވެސް ނުފޫޒެއް ނެތް: ޝާމިލް

429124 3 B948eeb038b491f60eab364d848e6ee158de02ff Large

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަކީ މިނިވަން މުވައްސަސާއެއް ކަމަށާއި މަގާމާ ހަވާލުވި ފަހުންވެސް މި ސަރުކަރުގެ އެއްވެސް ނުފޫޒެއް އެ މުވައްސަސާއަށް ނުފޯރާ ކަމަށް އެ ކޮމިޝަނުގެ ރައީސް އާދަމް ޝާމިލް ވިދާޅުވެއްޖެއެވެ.

ޝާމިލް މިހެން ވިދާޅުވީ މަޖިލީހުގެ ބަޖެޓު ކޮމިޓީއިން މިއަދު ބޭއްވި ޖަލްސާގައެވެ.

އެ ޖަލްސާގައި ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފް ކުރެއްވި ސުވާލެއްގައި ވަނީ، އޭސީސީއަކީ މިނިވަން ތަނެއް ނޫން ކަމުގެ ތުހުމަތުތައް އަމާޒުވާކަން ފާހަގަކުރައްވައިފައެވެ. އަދި މިހާތަނަށް ސަރުކާރުން ނުވަތަ އެއްވެސް ބޭފުޅަކު ވެސް އެ ކޮމިޝަނަށް ނުފޫޒު ފޯރުވައިފައިވޭތޯ އޭނާ ސުވާލުކުރެއްވިއެވެ.

ޝާމިލް ވިދާޅުވީ މި ސަރުކާރުން އަދި މިހާރު މަޖިލީހުގައި ތިއްބެވި އެއްވެސް މެންބަރަކު އޭސީސީއިން ހިންގާ އެއްވެސް ތަހުގީގަކަށް ނުވަތަ މައްސަލައަަކަށް އެއްވެސް ކަހަލަ ނުފޫޒެއް ނުފޯރުވާ ކަމަށެވެ.

”އެކަމަކު އަޅުގަނޑުމެންގެ މައްޗަށް ވަކި ނުފޫޒެއް އޮވެގެން އެކަން އެހެން ދުވަހަކު ވެސް ދިމާވެފައި އޮތް ކަމަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ، ހަމަގައިމު ވެސް އަޅުގަނޑު މި މަސައްކަތާ ހަވާލުވި ފަހުން ސަރުކާރުންނެއް، އަދި މިހާރުގެ އިއްޒަތްތެރި މެންބަރު ތި ކުރެއްވި ސަރުކާރަކުންނެއް ނެތް،“ އޭނާ ވިދާޅުވިއެވެ.

އެ ކޮމިޝަންގެ މިނިވަންކަމާމެދު ސުވާލު އުފައްދާ ބައެއް ސަބަބުތައް ހުންނަ ކަމަށާއި އޭގެ ތެރެއިން އެއް ސަބަބަކީ ތަހުގީގެއް އަވަސްވުން ނުވަތަ ލަސްވުން ކަމަށެވެ. އެގޮތުން ތަހުގީގެއް ލަސްވުމުން، އެއީ ކޮމިޝަނުން ގަސްތުގައި ލަސްކުރަނީ ކަމަށް ބައެއް މީހުން ދެކޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝާމިލް ވިދާޅުވީ އޭސީސީގެ މަސައްކަތާ ގުޅޭ މައުލޫމާތު އެންމެ ރަނގަޅަށް އެނގޭނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ކަމަށް ވުމުން، އެ ކޮމިޝަނުގެ މަސައްކަތްތަކަށް ބަލައި މަޖިލީހުން ބަޖެޓު ކަނޑައެޅުމަކީ މުހިންމު ކަމެއް ކަމަށް އޭސީސީއަށް ފެނެއެވެ.

”މިސާލަކަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް އަޅުގަނޑުމެންގެ ޕާފޯމެންސް އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ އަދި އަޅުގަނޑުމެންނަށް މަސައްކަތް ކުރެވޭ މިންވަރާއި ގޮންޖެހުންތަކާއި ގާބިލުކަން ވެސް،“ އޭނާ ވިދާޅުވިއެވެ.

އަންނަ އަހަރަށް ފިނޭންސް މިނިސްޓްރީން ހުށަހަޅައިފައިވާ ބަޖެޓުގައި އޭސީސީއަށް ކަނޑައަޅައިފައިވާ މިންވަރު ދަށްކަން ޝާމިލު ވަނީ ފާހަގަކުރައްވާފައެވެ. އެ ކޮމިޝަނަށް މި އަހަރު 52 މިލިއަން ރުފިޔާ ޚަރަދުކުރާނެ ކަމަށް ބަޖެޓުގައި އޮތް ނަމަވެސް، އަންނަ އަހަރަށް ހުށަހެޅި ބަޖެޓުގައި ވަނީ އެ އަދަދު 47 މިލިއަނަށް ދަށްކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *