ދިވެހިރާއްޖޭޣައި ރާއްޖޭގައި ޑްރަގުގެ ވިޔަފާރި ދެނެއް ނުކުރެވޭނެކަމަށާއި، މިކަމުގެ ތެރޭގައި އުޅޭ މީހުންނަށް ޤާނޫނުން އެޅެންހުރި އެންމެ ހަރުކަށި ފިޔަވަޅު އަޅުއްވާނެކަމުގައި ދިވެހިރާއްޖޭގެ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގާ އެންމެ ބޮޑު އޮޕަރޭޝަން ”އަލިމަގު“އާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ އޮޕަރޭޝަނަކީ މިދިޔަ ހަ މަސް ދުވަހު އެއްކުރި މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ހިންގާ އޮޕަރޭޝަނެއް ކަމުގައެވެ. އަދި ރާއްޖޭގެ ކަންކޮޅުތަކުގައި 500 ވުރެ ގިނަ ފުލުހުން ބައިވެރިވެގެން ހިންގާ މި އޮޕަރޭޝަނާއެކު މަސްތުވާތަކެތީގެ ވިޔަފާރިއަށް ނިމުން ގެންނާނެ ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
އެމަނިކުފާނު ވަނީ މަސްތުވާތަކެތީގެ ވިޔަފާރީގައި އުޅޭ މީހުން އެކަން ހުއްޓާލަން އިންޒާރު ކުރައްވާފައެވެ. އަދި އެކަން ހުއްޓާނުލައިފިނަމަ އުޅެން އުނދަގޫ ކުރާނެ ކަމަށްވެސް ވަޒީރު ވިދާޅުވިވެ.
”އެހެންކަމުން އަޅުގަނޑު އެދޭ އެދުމަކީ މިކަމުގަ އުޅޭ ކުދިންވެސް މިކަން ހުއްޓާލާފަ އެހެން ކަމަކާވެގެން އުޅުމަށް. މިކަން ކުރާކަމަށްވާނަމަ ރާއްޖޭގައި އުޅެން އުނދަގޫވާ ވަރަށް މިކަން ކުރިއަށް ގެންދާނަން. ރާއްޖޭގައި ޑްރަގުގެ ވިޔަފާރިއެއް ދެނެއް ނުކުރެވޭނެ. މިކަމުގެ ތެރޭގައި އުޅޭ މީހުންނަށް ޤާނޫނުން އެޅެން ހުރި އެންމެ ހަރުކަށި ފިޔަވަޅު އަޅާނަން،“ މަސްތުވާތަކެތީގެ ވިޔަފާރިކުރާފަރާތްތަކަސް އިންޒާރުދެއްވައި ވާހަކަދައްކަވަމުން ވަޒީރު އިހުސާން ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މަސްތުވާތަަކެތީގެ ވިޔަފާރިއަށް އޮންނާނީ އެންމެ ހަރުކަށި ފިޔަވަޅު ކަމުގައެވެ. އަދިއެކަމަށް ކުޑަވެސް ފުރުސަތެއް އަދި ލުޔެއް ނޯންނާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.
ވަޒީރު ވިދާޅުވީ އަލިމަގު އޮޕަރޭޝަން ހުއްޓާލާނީ މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގައި މަސްއޫލުވެގެން އުޅޭ މީހުން މިކަން ހުއްޓާލާ ހިސާބުންކަމުގައެވެ. އަދި މިކަމުގައި އުޅޭ ފަރާތްތަކަށް ޤާނޫނުން އެެޅެންހުރި އެންމެ ހަރުކަށި ފިޔަވަޅު އެމީހުންނާ މެދު އަޅުއްވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.









