އުރީދޫ މޯލްޑިވްސްއިން މި ނޮވެމްބަރު މަހު އެ ކުންފުނީގެ 2025 ވަނަ އަހަރުގެ ކަލަންޑަރާއި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޗެޓްބޮޓުން ބައްދަލުކުރާނީ ދިވެހި ފޯކްލޯރގެ މަޝްހޫރު ޝަހްސިއްޔަތެއް ކަމަށްވާ ދޮން ހިޔަލައާއެވެ. މިއީ ދިވެހި ސަގާފަތް ދިރުވައި އާލާކުރުމަށް އުރީދޫއިން ކުރާ މަސައްކަތުގެ ތެރެއިން މި ޒަމާނުގެ ޓެކްނޮލޮޖީއާ ގުޅުވައިގެން ތައާރަފުކުރި އީޖާދީ މަސައްކަތެކެވެ.
އުރީދޫ މޯލްޑިވްސްގެ 2025 ވަނަ އަހަރުގެ ކަލަންޑަރުގެ ބިނާ ކުރެވިފައިވަނީ ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި ދެކެވެމުން އަންނަ ފޯކްލޯރ ވާހަކަތަކުގެ އެކި ޝަހްސިއްޔަތުތަކަށެވެ. މީގެ ތެރޭގައި ”ފޫޅުދިގު ހަންޑި“ އާއި ”ސަފަރު ކަތްދަ“ ފަދަ ޖުމްލަ 12 ކެރެކްޓަރު ހިމެނެއެވެ. މި ވާހަކަތަކަކީ ދިވެހިންގެ ސަގާފަތުގެ، ދިވެހިންގެ ތަރިކައިގެ ވަރަށް މުހިންމު ބައެއްކަން ފާހަގަކޮށްލެވެއެވެ.
އެންމެ ޚާއްސަ ކަމަކީ އޭއައި މެދުވެރިކޮށް މި ޝަހުސިއްޔަތުތަކާ ސީދާ ވާހަކަދެއްކުމުގެ ފުރުސަތު ކަސްޓަމަރުންނަށް ފަހިކޮށްދީފައިވުމެވެ. މިއީ ހަމައެކަނި މޭޒުމަތި ފަޅުފިލުވާލަދޭނެ ކަލަންޑަރެއް ނޫނެވެ. މިއީ އެޑްވާންސް އޭއައި ޗެޓްބޮޓް ޓެކްނޮލޮޖީ މެދުވެރިކޮށް އިންޓަރެކްޓިވް އެކްސްޕީރިއަންސެއް ފޯރުކޮށްދޭ މަޝްރޫޢެކެވެ.
އެޑްވާންސް އޭއައި ޗެޓްބޮޓް ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނަށް މިހާރު މި އައިކޮނިކް ކެރެކްޓާތަކާ ސީދާ ވާހަކަދައްކާލެވޭނެއެވެ. ކޮންމެ ކެރެކްޓާއަކުން ވެސް ވާހަކަތައް ހިއްސާކޮށް، ސުވާލުތަކަށް ޖަވާބު ދީ، އެ މީހުންގެ ދުނިޔެއާ ބެހޭ ގޮތުން މައުލޫމާތު ފޯރުކޮށްދީ، މީގެ ކުރިން ހީވެސް ނުކުރާ ފަދަ ގޮތަކަށް ފޯކްލޯރ ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. ކޮންމެ މަހަކު ވެސް ކަސްޓަމަރުން ޗެޓް ކުރުމަށް އާ ކެރެކްޓާއެއް އަންލޮކް ވެގެންދާނެ ކަމަށް އުރީދޫ އިން ވަނީ ވިދާޅުވެފައެވެ.
މި ނޮވެމްބަރު މަހަށް ހާއްސަކޮށްފައިވާ ދޮން ހިޔަލަގެ ވާހަކައަކީ ދިވެހިންގެ ތެރޭގައި ވަރަށް މަޝްހޫރު ވާހަކައެކެވެ. އާދަޔާ ހިލާފު ރީތިކަމެއް ލިބިފައިވާ ފަތްމިނި ދޮން ހިޔަލަ އޭނާގެ މައިންބަފައިން ގެންގުޅުނީ އެމީހުންގެ ރަށް ބުރުނީގައި ފޮރުވައިގެންނެވެ. ނަމަވެސް ހުޅުދެލީގެ ހިތްވަރުގަދަ ޒުވާނެއް ކަމަށްވާ އަލިފުޅު އޭނާ ދެކެ ވަރަށް ލޯބިވެއެވެ. ހުރިހާ ގޮންޖެހުމަކާ އެކު އެ ދެ މީހުން ކައިވެނި ކުރެ އެވެ. ނަމަވެސް އެމީހުންގެ އުފާވެރިކަމާ ލޯބި ފެނިފައި ރަސްގެފާނު ޙަސަދަވެރިވިއެވެ. އަދި ދޮން ހިޔަލައާއި އަލިފުޅުގެ ލޯތްބާއި މިނިވަންކަމަށް ބޮޑު އިމްތިހާނެއް ކުރިމަތިވިއެވެ.
އުރީދޫގެ މި އީޖާދީ މަސައްކަތުގެ ސަބަބުން، ޒަމާނުއްސުރެ ދިވެހިންގެ ހިތްތަކުގައި ދިރިހުރި މި ވާހަކަތަކުގެ ކެރެކްޓަރުތަކާ، މިހާރުގެ ޓެކްނޮލޮޖީގެ އެހީގައި، ސީދާ ވާހަކަ ދައްކާލުމުގެ ފުރުސަތު ވަނީ ފަހިވެފައެވެ. މިއީ ދިވެހި ސަގާފީ ތަރިކަ އާލާކޮށް، އާ އުފެއްދުންތަކެއް ދައްކުވައިދޭނެ މަޝްރޫޢެކެވެ.









