ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އޭނާ ނިސްބަތްވާ ސިޔާސީ ޕާޓީއަކުން އަމިއްލައަށް ވަކިވި ނަމަވެސް ނުވަތަ ޕާޓީއަކުން ވަކިކުރި ނަމަވެސް، ދާއިރާ ރައްޔިތުންގެ އާންމު ވޯޓަކަށް ނުގޮސް ގޮނޑި ނުގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހެއް ހުށަހަޅާފައިވާއިރު، އެ ހުށަހެޅުމާމެދު ޕީއެންސީ މެންބަރުންގެ މެދުގައި ހިޔާލުތަފާތުވެއްޖެއެވެ.
މި އިސްލާހު ހުށަހެޅީ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއުއެވެ.
ޝުޖާއު ހުށަހެޅި އިސްލާހުގައި ބުނަނީ، މެންބަރަކު ޕާޓީން ވަކިކުރި ނަމަވެސް، ގޮނޑި ގެއްލޭނީ އޭނާ އިންތިހާބުވި ދާއިރާގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގާ އާންމު ވޯޓެއްގައި އެމީހާ މަޖިލީހުން ވަކިކުރުމަށް އަޣުލަބިއްޔަތު ލިބިއްޖެނަމަ ކަމަށެވެ. އަދި މި ވޯޓުން ވަކިކުރުމަށް އަޣުލަބިއްޔަތު ނުލިބިއްޖެނަމަ، އެ މެންބަރަކު މަޖިލީހުގައި ދެމިހުންނާނީ ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެންބަރެއްގެ ގޮތުގައެވެ. ނަމަވެސް، އެ މަޖިލީހުގެ ދައުރުގެ ތެރޭގައި އެ މެންބަރަކު އަނެއްކާވެސް ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ، އޭނާގެ ގޮނޑި ގެއްލޭނެ ކަމަށް ވެސް އިސްލާހުގައި ބުނެއެވެ.
މި އިސްލާހަށް ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާޙް ދެކޮޅު ހައްދަވައިފިއެވެ. ފަލާޙް ވިދާޅުވީ، ޕާޓީއަކުން ވަކިވުމުން ނުވަތަ ވަކިކުރުމުން މެންބަރުކަމުގެ ގޮނޑި ގެއްލެންޖެހޭނެ ކަމަށާއި، އަލުން ގޮތެއް ހޯދުމަށް ދާއިރާގެ ރައްޔިތުންގެ ގާތަށް ދާން ޖެހޭނެ ކަމަކަށް ގަބޫލުނުކުރައްވާ ކަމަށެވެ. އޭނާ ތާއީދުކުރައްވަނީ ގޮނޑި ގެއްލުމުން އަމިއްލައަށް އަލުން ކުރިމަތިލުމަށެވެ. ފަލާހު ވިދާޅުވީ، ޕާޓީއަކުން ވަކިވުމުން ނުވަތަ ވަކިކުރުމުން މެންބަރުކަމުގެ ގޮނޑި ގެއްލެންޖެހޭނެ ކަމަށާއި، އަލުން ގޮތެއް ހޯދުމަށް ދާއިރާގެ ރައްޔިތުންގެ ގާތަށް ދާން ޖެހޭނެ ކަމަކަށް ގަބޫލު ނުކުރަށްވާ ކަމަށެވެ.
”އަޅުގަނޑު ގޮނޑި ގެއްލުނީމާ ދެން އަނެއްކާވެސް އަޅުގަނޑު އަމިއްލައަށް ކުރިމަތިލާންވީ. އެއީ އަޅުގަނޑު ތާއީދުކުރާ ގޮތަކީ،“ ފަލާހު ވިދާޅުވިއެވެ.
ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ދީދީ ވެސް ވަނީ މި އިސްލާހާ ދެކޮޅު ހައްދަވާފައެވެ. އޭނާ ވިދާޅުވީ، މިހާރު އޮތް ގޮތަށް ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް އޮންނަންޖެހޭނެ ކަމަށާއި، އިރުއިރުކޮޅާ ގޮނޑި ވިއްކާލެވޭ ފަދަ ފުރުސަތެއް ދެވޭ އުސޫލެއް އޮވެގެން ނުވާނެ ކަމަށެވެ. މިހާރު އޮންނަ އުސޫލަކީ މެންބަރަކު ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ ޕާޓީން ވަކިވެއްޖެ ނަމަ ގޮނޑި ގެއްލޭ ގޮތަށް، މިދިޔަ އަހަރު ނޮވެމްބަރުގައި ޕީއެންސީގެ ސުޕަ މެޖޯރިޓީން ގެނައި އިސްލާހެކެވެ.
”އަޅުގަނޑު ތާއީދެއް ނުކުރަން. މިއީ ސަރުކާރު، ބާރަށު ދާއިރާގެ މެންބަރު ހުށަހެޅުއްވިޔަސް އަޅުގަނޑު މިއަކަށް ތާއީދެއް ނުކުރަން. އަޅުގަނޑު ތާއީދުކުރާނީ މިހާރު މިއޮތް ގޮތަށް ބާއްވަން. ގޮނޑި ގެއްލިއްޖެއްޔާ ގެއްލެންޖެހިގެން ގެއްލޭނީ. ގެއްލުނީމަ ދާންވީ. އަނެއްކާވެސް ކުރިމަތިލައިގެން އިންތިހާބެއްގައި އަންނަންވީ. ރައްޔިތުންނަށް ލިބޭނެ ފުރުސަތު ވޯޓުލާން،“ އިބްރާހިމް ދީދީ ވިދާޅުވިއެވެ.
މި އިސްލާހާ ގުޅޭގޮތުން ޕީއެންސީގެ މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވުން އުފެދިފައިވާއިރު، މީގެ ކުރިން އިދިކޮޅު އެމްޑީޕީގެ ފަރާތުން ވެސް މިފަދަ ހުށަހެޅުމެއް ހުށަހަޅާފައިވާ ކަމަށާއި، ނަމަވެސް އެ ހުށަހެޅުން ޕީއެންސީގެ މެޖޯރިޓީން ބޭރުކޮށްލާފައިވާ ކަމަށް ވެއެވެ.









